ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވީ އައްބާސްގެ ނަން އެކަނި ކަމަށްވާތީ، އައްބާސްއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް މަޖިލީހުން މިއަދުގެ މެންދުރުފަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލިއެވެ. އަދި މިއަދު މެންދުރުފަހު ކޮމިޓީއަށް އައްބާސް ހާޒިރުކޮށް އިންޓަވިއު ވެސް ކުރިއެވެ.
އިންޓަވިއުއަށްފަހު، އައްބާސް އައްޔަންކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާޤުންނެވެ. ކޮމިޓީގެ މުޤައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ އާންމުންގެ ޝަކުވާއަށް ހުޅުވާލުމުން އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށާއި، އިންޓަވިއުއިން އައްބާސްއަށް 75 މާކްސް ލިބިފައިވާ ކަމަށެވެ.
ޔުނިވަސިޓީ އޮފް ޓެސްމޭނިއާއިން ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރެއްވި އައްބާސް ވަނީ ރައީސް އޮފީހުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް އޭނާ ކުރެއްވިއެވެ.
އޭގެއިތުރުން، އައްބާސް ވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ޤާނޫނީ ވަކީލުކަން ވެސް ކުރައްވާފައެވެ. އަދި ރައީސް ޢަބްދުﷲ ޔާމީނުގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިޚާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލައިގައި ވެސް ވަކީލުކަން ކުރައްވާފައިވެއެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުންދަނީ އެ މަޖިލީހުގެ ދައުރުން ބޭރުގައެވެ. އެއީ ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އާ ޕީޖީއެއް އައްޔަންކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާތީއެވެ. މާދަމާ މަޖިލީހުގެ ދައުރުން ބޭރު ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާގައި އައްބާސްގެ ނަމަށް ވޯޓަށް އަހައި ފާސްކުރުމާމެދު ވަކި ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.
ޕީޖީގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ހުސައިން ޝަމީމު މިދިޔަ މަހު އިސްތިޢުފާ ދެއްވައި، އަދި މަޖިލީހުން އޭނާ ވަކިކުރަން ވެސް ނިންމުމާ ގުޅިގެންނެވެ. ޝަމީމް އިސްތިޢުފާ ދެއްވީ އޭނާ މަޤާމުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ނިންމި ފަހުންނެވެ. ނަމަވެސް، ޝަމީމު މަޤާމުން ވަކިކުރަން މަޖިލީހުން ވޯޓު ނަގާފައިވަނީ އިސްތިޢުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭ ކަމަށް ބުނެއެވެ.

