ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވީ އެއްވެސް ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދެއް ލިބިވަޑައިގެން ނޫންކަމަށާއިއެ އަމިއްލަ އަށް ބޭނުންވެގެން ކަމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ދެއްވި އިންޓަވިއުގައި އައްބާސް މި ވާހަކަ ވިދާޅުވިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވުމާ ގުޅިގެން، އެ މަޤާމަށް އައްޔަންކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ އައްބާސް ޝަރީފްގެ ނަން އެކަންޏެވެ. އައްބާސް އައްޔަންކުރެއްވުމާމެދު ގޮތެއް ނިންމުމުގެ ކުރިން އިންޓަވިއު ކުރުމަށް މިއަދު ޖުޑީޝަރީ ކޮމިޓީއަށް އޭނާ ހާޒިރުކުރެވުނެވެ.
އިންޓަވިއުގައި އައްބާސް ވިދާޅުވި ގޮތުގައި، މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެވަޑައިގަތީ އަމިއްލަފުޅަށެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުންނަށް ވެސް މި ޚަބަރު ލިބިވަޑައިގަތީ އައްބާސް ކުށުގެ ރެކޯޑު ސާފުކުރެއްވި ކަމަށް ނޫސްތަކުން ރިޕޯޓުކުރުމުންނެވެ.
“އަޅުގަނޑު މި މަޤާމަށް ކުރިމަތިލާން ޝައުޤުވެރިވެގެން ކުށުގެ ރެކޯޑު ސާފުކުރިކަން އެނގިގެން ނޫހުގައި ޖެހި، ނޫހުގައި ޖެހުނު ފަހުން ބައެއް ކެބިނެޓު މިނިސްޓަރުންނަށް ވެސް އެނގިވަޑައިގެން ސުވާލު ކުރެއްވީ. ރައީސްގެ އެއްވެސް އިންޑިކޭޝަނެއް (އިރުޝާދެއް އަދި އިޝާރާތެއް) ވެސް މެސް މި ކަމަކު ނުލިބޭ،” އައްބާސް ވިދާޅުވިއެވެ.
ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ކުރީީގެ ޕްރޮސެކިއުޓަރ ޖެނެރަލުން ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކާމެދު ސުވާލު އުފެދޭ ކަންކަން ހުރިކަން އައްބާސް ފާހަގަކުރެއްވިއެވެ. މިފަދަ މައްސަލަތައް ހައްލުކުރެއްވުމަށް މަޢުލޫމާތު ހާމަކުރައްވާނެ ކަމަށާއި، އާންމުންގެ ޝައުޤުވެރިކަން ހުރި ބޮޑެތި މައްސަލަތަކާއި ހައްސާސް މައްސަލަތަކުގައި ގޮތް ނިންމަވާ ސަބަބު ތަފްސީލުކޮށް ހާމަކުރައްވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް އިތުރަށް ވިދާޅުވި ގޮތުގައި، އޭނާ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ނަމަވެސް ޖިނާއީ މައްސަލަތަކުގައި މަސައްކަތް ކުރައްވާރައްވާފައި ނުވާނެއެވެ. އެހެންކަމުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އޭނާގެ މަސްލަހަތު އޮތް މައްސަލައެއް ނޯންނާނެ ކަމަށާއި، އެފަދަ އެއްވެސް ލޯ ފާމަކާ ގުޅުމެއް ނޯންނާނެ ކަމަށް އައްބާސް ޔަގީންކަން ދެއްވިއެވެ.
“އެހެންވީމާ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޔަގީންކަމެއް އެއީ ޕީޖީ އޮފީހުގައި އަޅުގަނޑުގެ މަސްލަހަތު އޮތް މައްސަލައެއް ނޯންނާނެ ކަން، އެފަދަ އެއްވެސް ލޯފާމަކާ ވެސް ގުޅުމެއް ނޯންނާނެ ކަން،” އައްބާސް ވިދާޅުވިއެވެ.
ކޮމިޓީގައި ތިއްބެވި މެންބަރުން، ޚާއްޞަކޮށް ޕީއެންސީގެ މެންބަރުން، އަމާޒުކުރެއްވި ގިނަ ސުވާލުތައް ބިނާވެފައިވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލުން ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކާ މެދު ސުވާލު އުފެދޭ ކަންކަން ހުރުމުން އެކަމާ ގުޅޭގޮތުންނެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ އައްބާސް ޢަމަލުކުރައްވާނެ ގޮތަކާ ބެހޭގޮތުން ސުވާލުކުރެވުނެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން އައްބާސް ވިދާޅުވީ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ ލީޑަރޝިޕްގެ ދަށުން އެ އޮފީހުގެ ހިންގުމަށް ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. ނަމަވެސް، އޭރުވެސް ދިމާވި މައްސަލައަކީ ބައެއް ނިންމުންތަކުގައި ސުވާލު އުފެދޭ ގިނަ ކަންކަން ހުރުން ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ.
އައްބާސް ޝަރީފަކީ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ނަން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ހުށަހެޅުމާ ގުޅިގެން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އޭނާއާ އިންޓަވިއު ކުރައްވާފައެވެ. މި އިންޓަވިއުގެ ނަތީޖާއަށް ބިނާކޮށް، އައްބާސް އެ މަޤާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

