މީހެއްގެ ވައިބާ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށްގެން ހޯދި 10،000 ރުފިޔާ ފުލުހުން އަނބުރާ ހޯދައިފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިދިޔަ ހުކުރު ދުވަހުއެވެ.
ފުލުހުން މިއަދު ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ހެންވޭރު ޕޮލިސް ސްޓޭޝަނާއި ސައިބަރ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން، އެންމެ 6 ގަޑިއިރުގެ ތެރޭގައި އެ ފައިސާ އަނބުރާ ހޯދުމަށް ވަނީ ކާމިޔާބުވެފައެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ފައިސާ ޖަމާކޮށްފައިވަނީ ތިން އެކައުންޓަކަށެވެ. މި އެކައުންޓުތަކުގެކުގެ ވެރިފަރާތްތައް ދެނެގަތުމަށްފަހު، ޖުމްލަ 10،700 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން، އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކާއި ކޭޝްކާޑުތަކަކާއި ދިރާގާއި އުރީދޫ ސިމްތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް، މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

