ސަރުކާރުން ކުރިއަށް ގެންދާ ޖަމިއްޔާތަކަށް މާލީ ގޮތުން އެހީތެރިވުމުގެ ޕްރޮގްރާމްގެ ދަށުން 16 ޖަމިއްޔާއަކަށް ހިލޭ އެހީގެ ގޮތުގައި ތިން މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މަޢުލޫމާތު ހާމަކުރެއްވީ އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދެވެ. ހީނާ ވިދާޅުވި ގޮތުގައި މި އެހީ ދިނުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މީގެ ފައިދާއާއި ލާބަ ލިބިގެންދާނެއެވެ.
“މި ހުރިހާ ކަންތައްތަކަކީ ރާއްޖޭގެ ރައްޔިތުންނަށްޓަކައި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންތައްތައް ތަންފީޒު ކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކުރެވެމުންދާ މުހިންމު މަސައްކަތެއް،” ހީނާ ވިދާޅުވިއެވެ.
ޖަމިއްޔާތަކަށް މާލީ އެހީ ދިނުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. މި ފުރުސަތަށް ވަރަށް ގިނަ ފަރާތްތަކުން ޕްރޮޕްރޮޕޯސަލް ހުށަހެޅިއެވެ. ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު މާލީ އެހީ ދޭނެ ޖަމިއްޔާތައް ކަނޑައެޅީ ޔޫތު މިނިސްޓްރީންނެވެ.
ނަމަވެސް، މާލީ އެހީ ދެވުނު ޖަމިއްޔާތަކުގެ ނަންތަކެއް ހީނާ ހާމައެއް ނުކުރެއްވިއެވެ. އޭގެ ބަދަލުގައި އެ މަޢުލޫމާތު ހޯދުމަށް ޔޫތު މިނިސްޓްރީއަށް ހުށަހެޅުމަށް ހީނާ އެދިވަޑައިގަތެވެ.

