ހުޅުމާލެއިން ތަނެއް ބަލައި ފާސްކޮށް، 4 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން މިރޭ ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ހުޅުމާލެއިން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އެ ތަނުގައި ތިބި 4 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ހިންގަމުންދާ މި އޮޕަރޭޝަންގައި މި މަހުގެ 14 ގައި ވަނީ މާލޭގެ 5 ގެއެއް ބަލައި 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ވަނީ މާލޭގެ 5 ގެއެއް ބަލައި 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން މި މަހުގެ 11 ވަނަ ދުވަހު ވަނީ މާލޭގެ 8 ގެއެއް ބަލައި 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި އޮޕަރޭޝަން ފެށި ދުވަސް ކަމަށްވާ މި މަހުގެ 10 ވަނަ ދުވަހު ވަނީ މާލޭގެ 3 ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

