ހއ.އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް ފަށަން ތައްޔާރުވެފައިވާއިރު، މިހާރުވެސް އެ ޚިދުމަތަށް އެދި ބުކިންގތައް ލިބެމުންދާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ މި މަހުގެ 19 ވަނަ ދުވަހު ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި މި ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން އެސްޓީއޯއިން ބުނީ މިހާރުވެސް ބަންކަރިންގ ޚިދުމަތަށް އެދި ބުކިންގތައް ލިބެމުންދާ ކަމަށާއި މިއާއެކު މި ޚިދުމަތް ފެށި، އިތުރަށް ފުޅާކޮށް، އިތުބާރުހުރި ޚިދުމަތަކަށް ހެދުމާއެކު، މާކެޓް އިތުރަށް ފުޅާވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެސްޓީއޯއިން ބުނީ އާންމު ގޮތެއްގައި މި ސަރަހައްދުގައި (އިންޑިއަން ސަބް ކޮންޓިނެންޓް) ބަންކަރިންގ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ކޮލަމްބޯ، ސްރީލަންކާއިން އަދި އިންޑިއާގެ ބަނދަރުތަކުން ކަމަށެވެ. އަދި އެ ކުންފުނިން އެންމެ ފުރަތަމަ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ރޭވިފަވަނީ އެމެއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ “ވައި.ސީ ބެރިއާރ” އަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.
މިއީ އުޅަދުގެ ޝެޑިއުލްޑް ބަންކަރިންއެއް. މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯއިން. ސަބަބަކީ ލޯ ސަލްފާ ފިއުލް އޮއިލް މީގެކުރީ ލިބެން ނުހުންނާތީ. އެސްޓީއޯއިން ބުންޏެވެ.
“ވައި.ސީ ބެރިޔާ” އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މި އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެއެވެ. އަދި މި އުޅަނދުގައި 1،100 ކޮންޓެއިނަރ އުފުލުމުގެ ގާބިލުކަން ހުރެއެވެ.
ބަންކަރިންގ ޚިދުމަތުގެ އިތުރުން، އެހެނިހެން އެހީތެރިކަމުގެ ޚިދުމަތްތައް ނުވަތަ އިތުރު ޚިދުމަތްތައް އެ ސަރަހައްދުގައި ފޯރުކޮށްށްދެވޭނެކަން ވެސް އެސްޓީއޯއިން ފާހަގަކުރިއެވެ.

