ރަޖިސްޓްރީނުކޮށް އަދި ”އޭ” ޒޯން ނޫން އެހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްގެން މާލެ ސަރަހައްދުގައި ބޭނުން ކުރަމުންގެންދާ އުޅަނދުތައް ގަވާއިދަށް ފެއްތުމުގެ ގޮތުން އެފަދަ އުޅަނދުތަކުގައި ސްޓިކަރ ޖަހަން ފަށައިފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ނުކުރާ އުޅަނދުތަކާއި ”އޭ” ޒޯން ފިޔަވައި އެހެނިހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްގެން މާލެ ސަރަހައްދުގައި ދުއްވަމުންގެންދާ އުޅަނދުތައް ގަވާއިދަށް ފެއްތުމަށް ފުރުސަތު ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ވަގުތީ ގޮތުން ކަނޑައަޅާފައިވާ ސަރަހައްދަށް (ލޮޓް ނަންބަރު 452 އަށް) އެ އުޅަނދުތައް ގެންދިއުމަށް އަންގައި ސްޓިކާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ސްޓިކަރ ހަރުކުރެވޭ އުޅަނދުފަހަރުގެ ވެރިފަރާތްތަކުން އެ ސްޓިކަރގައި ބަޔާންވެފައިވާ ސުންގަޑީގެ ކުރިން އުޅަނދު ނެގުމަށް އަންގާފައެވެ.
މީގެއިތުރުން ފުލުހުން ވަނީ މިފަދަ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

