ރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ އޮފިސަރުންނަށް އަމާޒުކޮށްގެން ކެމިކަލްތަކާއި ނުރައްކާތެރި ކުނީގެ މައްޗަށް ތައިލެންޑުގައި ތަމްރީނު ޕްރޮގްރާމެއް ބޭއްވާއިފިއެވެ.
އެ ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންދެވުނީ ސެޕްޓެމްބަރ 9 އިން 11 އަށް ބެންކޮކުގައެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ތައިލެންޑް ކަސްޓަމްސް ގުޅިގެން އިންތިޒާމުކުރި މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖެއިން 21 އޮފިސަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ “ރޮޓަރޑަމް ކޮންވެންޝަން” ގެ ދަށުން ކޮންޓްރޯލްކުރެވޭ ނުރައްކާތެރި ކެމިކަލްތަކާއި ކުންޏާ ބެހޭގޮތުން ބައިވެރިންގެ މަޢުލޫމާތު އިތުރުކުރުމެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވުނު މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. މީގެ ސަބަބުން ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލްތަކާއި ކުނި ބެލެހެއްޓުމުގައި ޤާނޫނު ތަންފީޒުކުރާ އޮފިސަރުންގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

