އަދުލު އިންސާފުގެ ދާއިރާއަކީ ޤައުމެއްގެ ނިސްބަތުން މުހިންމު ދާއިރާއެއް ކަމަށާއި، އަލަށް ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) އެއް އައްޔަނުކުރެވޭއިރު އަދުލު އިންސާފް ޤާއިމް ކުރެވޭނެ ޕީޖީ އެއް ހޮވުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެެވެ.
އަނާރާ މިހެން ވިދާޅުވީ މަޖިލީހުގައި މިއަދުކުރިއަށްދާ ޖަލްސާގައި އިއްޔެ ޖުޑިޝެރީ ކޮމެޓީން ނިންމި ނިންމުމުގެ މައްޗަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އަނާރާ ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބެންޖެހޭ ޖެހުން ނިމުމަކަށް އަންނަން ޖެހޭ ކަމަށާއި، މިކަމުގައި ރައްޔިތުންނަށް ވަރަށް ބޮޑު ގޮންޖެހުންތައް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާ ނުލިބުމާއި އަދި ޝަރީއަތެެއްގެ ތެރޭ ބަންދުގައި ހުންނަން ޖެހޭ ޖެހުމުން ވަރަށް ބޮޑު ތަކްލީފަކަށް ވެފައިވާ ކަމަށެވެ.
“ދައުވާ އުފުލުމުގައި ހަމަހަމަކަމާ އިންސާފުވެރިކަމަށް ބެލުން މުހިންމު. މާޒީގަ ފެނިފަވޭ ރައްޔިތުންގެ ޝަކުވާތަކާ ސިޔާސީ ގޮތުން އަންނަ ދައުވާތަކާ ގުޅިގެން އަންނަ ޝަކުވާތައްވެސް. އެފަދަ އެއްވެސް ވާހަކައެއް އަންނާކަށް ބޭނުމެއްނޫން. އަދުގެ ސަރުކާރުން ގެންދަވަނީ އަދުލު އިންސާފުގެ ދާއިރާ ފުރިހަމަ ކުރަމުން. އެހެންކަމުން އަލަށް އަޔަން ކުރެވޭ ޕީޖީގެ ފަރާތުންވެސް ރައްޔިތުންނަށް ހަމަހަމަކަމާ އިންސާފު ހޯދާނެ ކަމަށް ޤަބޫލު ކުރަން” އަނާރާ
މިއަދު މަޖިލީހުގައި ޕީޖީ އެއް އައްޔަނުކުރުމާ ގުޅޭ މެމްބަރުން ބަހުސް ކޮށްފައިޥާއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވުމާ ގުޅިގެން، އެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް އައްބާސް ޝަރީފްގެ ނަން ފޮނުއްވާފައިވާފައެވެ.
އައްބާސް ޝަރީފަކީ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ނަން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ހުށަހެޅުމާ ގުޅިގެން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އޭނާއާ އިންޓަވިއު ވެސް ކުރައްވާފައެވެ. އެ އިންޓަވިއުގެ ނަތީޖާއަށް ބިނާކޮށް، އައްބާސް އެ މަޤާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

