ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގަ ވަދެ 9000 ރުފިޔާ އާއި ފޯނެއް ފޭރިގެންފިއެވެ.
ފުލުހުން ބުނީ އިމިގްރޭޝަން އޮފިސަރުންގެ ގޮތުގަ ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެފައިވަނީ ތިން ދިވެހިން ކަމަށާއި، މި މީހުން ގެ ތެރެއިން ގ. ބެރުގެ މުހައްމަދު ނަވީން ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރު ކޮށްފައި ކަމަށެެވެ.
އަނެއް ދެ މީހުންނާއި ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައި ނުވެއެވެ. މި މައްސަލަ ގެންދަނީ ތަހްގީގް ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.
މިދިޔަ ހަފްތާގައިވެސް ވަނީ މި ފަދަ މައްސަލައެއް ފެންމަތިވެފައެވެ. އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި އޭރު ވިދާޅުވެފައިވަނީ ވަޓްސްއެޕް މެދުވެރިކޮށް ރާއްޖެއިން ބޭރު ގައުމެއްގެ ނަންބަރުން އަންނަ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މައުލޫމާތާއި، ބޭންކު ކާޑުގެ މައުލޫމާތު ހޯދަމުންދާކަން ފާހަގަކުރެވިފައި ކަމަށެވެ.
އެއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމަށާއި، އަދި އެފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

