85 މެންބަރުން ވޯޓާއެކު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްބާސް ޝަރީފް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފިއެވެ.
މިދިޔަ މަހުގެ 21 ގައި އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓަށް އަހަން ފަށާފައިވަނިކޮށެވެ. އެއަށްފަހު މަގާމް ހުސްކޮށް އޮތުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވުމާ ގުޅިގެން، އެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް އައްބާސް ޝަރީފްގެ ނަން ފޮނުއްވާފައިވާފައެވެ.
އައްބާސް ޝަރީފަކީ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ނަން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ހުށަހެޅުމާ ގުޅިގެން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އޭނާއާ އިންޓަވިއު ވެސް ކުރައްވާފައެވެ. އެ އިންޓަވިއުގެ ނަތީޖާއަށް ބިނާކޮށް، އައްބާސް އެ މަޤާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު މަޖިލީހުގައި ވަނީ ބަހުސް ކުރެވިފައެވެ.
އައްބާސް އެ މަގާމަށް އައްޔަނުކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވީ މެންބަރުންގެ ފުރިހަމަ އިއްތިފާގުންނެވެ. އައްބާސް އެ މާގާމަށް އައްޔަނުކުރުމަށް ފެންނަކަމަށް 85 މެންބަރުން ވޯޓު ދެއްވާފައި ވެއެވެ. އައްބާސް ޕީޖީގެ މަގާމަށް އައްޔަނު ކުރުމަށް ބޭއްވޭ ޖަލްސާ މާދަމާ ވަނީ ބާއްވަން ހަމަޖެހިފައެވެ. މިއީ ދައުރުން ބޭރުން ބޭއްވޭ 4 ވަނަ ޖަލްސާއެވެ.

