ސަރުކާރުގެ ފަރާތުން ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކުންފުނީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ.
މި ބިލުގެ މަސައްކަތް އަވަސް ކުރުމަށް މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ޖަލްސާއެއް ބާއްވައި އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 77 މެންބަރުންގެ އިއްތިފާގުން ބިލު ބަލައިގަތުމަށްފަހު، ބިލު އިތުރަށް ދިރާސާކުރަން އިގުތިސާދީ ކޮމިޓީއަށް ފޮނުވީ އިއްޔެގައެވެ.
އެއާއެކު ކޮމިޓީގެ ބައްދަލުވުން ބާއްވައި 8 މެންބަރުންގެ އިއްތިފާގުން އިއްޔެ ވަނީ ބިލު ފާސްކޮށްފައެވެ. ކޮމިޓީން ނިންމީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް ބަދަލެއް ނުގެނެސް ބިލު ފާސްކުރުމަށެވެ.
މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވަނީ ކޮމިޓީ ރިޕޯޓު އިއްވައިފައެވެ. އަދި ޖަލްސާގައި ތިއްބެވި 85 މެންބަރުންގެ ވޯޓާއެކު ވަނީ މި ބިލު ފާސްކޮށްފައެވެ.
ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް:
ޚާއްސަ އާންމު ޖަލްސާ ބާއްވަން ލިޔުން ލިބޭތާ 3 ދުވަސްތެރޭގައި ޖަލްސާއަށް ދައުވަތު ދީ، އަދި 10 ދުވަހުގެތެރޭގައި ޖަލްސާ ބޭއްވުން. ޚާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ 7 ދުވަސް ކުރިން ކުންފުނީގެ މެންބަރުންނަށް ނޯޓިސް ފޮނުވުން.
ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އަދި އެހެން ގާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރެވުން.
ބަޔާންކުރާ އަދަދަށް ޑިރެކްޓަރުން ނެތްކަމުގައިވާނަމަ، އަދި މެނޭޖިންގ ޑިރެކްޓަރަކު ނެތްނަމަ ޑިރެކްޓަރުން ނުވަތަ މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރަން އެންގުމުގެ ބާރު ރަޖިސްޓާއަށް ދިނުން. އެގޮތުން އަންގާތާ 10 ދުވަސްތެރޭގައި އެ އަދަދަށް ޑިރެކްޓަރުން އައްޔަންކޮށް، ނުވަތަ މެނޭޖިންގ ޑިރެކްޓަރަކު އައްޔަންކުރުމާއެކު އެ މައުލޫމާތު ރަޖިސްޓްރާއަށް ހުށަހެޅުން.

