ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ޤައުމަށް ފުރުވާލަނީ ދައުލަތުގެ ޚަރަދުގައި ނޫންކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަޙީދު ވިދާޅުވެއްޖެއެވެ.
ޝައްމާން ވިދާޅުވީ މި ބިދޭސީން ފުރުވާލަނީ އެމީހުން ރާއްޖެ އެތެރެވާއިރު ދައްކާފައިވާ ޑިޕޮސިޓް ފައިސާއިންކަމަށެވެ.
"ދެން" އޮންލައިން މީޑިއާގެ "ހަވާސާއިން ބޭރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަމްއާން ވިދާޅުވީ، "ހަޤީޤަތުގައި ރާއްޖެއަށް މީހުން އެތެރެވާއިރު އިނދޭ ޑިޕޮސިޓް ފައިސާ. އެ މީހާ އެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް ޑީޕޯޓްކުރުމުގެ މަސައްކަތްތައް މި ކުރިއަށް ގެންދަނީ" މިހެންނެވެ.
ޝަމްއާން އިތުރަށް ވިދާޅުވީ "ރެގިއުލަރައިޒް ޕްރޮގްރާމް" ގެ ދަށުން ޤާނޫނާއި ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ބިދޭސީންނަށް ލިބިދީފައިވާ ކަމަށެވެ. ނަމަވެސް، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނަށް ދެވަނަ ފުރުޞަތެއް ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުބަލައި އެކޮމަޑޭޝަން ބްލޮކްތަކާއި ތަފާތު ބާވަތްތަކުގެ ފެކްޓްރީތައައް ހިންގާ ފަރާތްތައްވެސް ގިނަކަމަށެވެ. މިއީ އެކަނި ވިސާއާ ގުޅުންހުރި ކަންކަމުގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށާއި ސަބަބަކީ މިފަދަ ޙަރަކާތްތަކަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ކަންކަން ކަމަށް ފާހަގަކުރައްވައި ޝައްމާނު ވިދާޅުވީ މިފަދަ ޙާލަތްތަކުގައި ޑީޕޯޓްކުރުން އެ ފަރާތްތަކަކަށް ނެތް ކަމަށެވެ.
"މީ އަޅުގަނޑުމެން ޓޮލަރޭޓް ނުކުރާނެ ކަންކަން. މިކަން ޓޮލަރޭޓް ނުކުރާ އެންމެ ބޮޑު ސަބަބަކީ މިއީ މުޅި މުޖުތަމައު ގުޅި ހުރި ކަންތައްތަކަށް ކަމުގައި ވާތީ، މިސާލަކަށް ވަރަށް ސާފުތާހިރު ނޫން ގޮތަށް ކާއެއްޗެހި ބަންދުކޮށް ހަދާފަ ހުރި ތަންތަނާއި އަދި އެހަކަށް ދުވަހު އެ ދިމާވެގެން ދިޔަ އަލިފާނުގެ ހާދިސާ. މިއީ ހަގީގަތުގައި އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތި މިކަން ކުރުމުގެ ސަބަބުން އާންމު ބަލި މަޑުކަމަކަށް ނޫނީ ނުރައްކަލަކަށް ކުރިމަތިވެގެންދާ ފަދަ ކަންކަން ކަމުގައި ވާތީ،"
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުން، 2022 ނޮވެންބަރު 17 އިން 2023 ސެޕްޓެންބަރު 15 އަށް 289 ތަނެއް ބަލައި ފާސްކޮށް، 4,026 ބިދޭސީން ފުރުވާލާފައިވާކަމަށް ޝަމްއާން ހާމަކުރެއްވިއެވެ.

