އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ހަ އަތޮޅެއްގެ އިމާމުންނަށް ކުރިއަށް ގެންދިޔަ އިމާމުން ތާޒާ ކުރުމުގެ ޕްރޮގުރާމް ނިންމާލައިފިއެވެ. އެ ކަމަށްޓަކައި މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާ ހަ އަތޮޅުން ޖުމްލަ 272 އިމާމުން އެ ޕްރޮގުރާމުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިހާތަނަށް ގއ، ގދ އަދި ފުވައްމުލަކު ސިޓީގައިވަނީ ދަންފަޅިތައް ބާއްވައިފައެވެ. ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިމާމުން ތާޒާކޮށް ނިންމުންކަން ފާހަގަކޮށްލެވެއެވެ.
އިމާމުން ތާޒާކުރުމާއި، އިމާމުންނަށް އިތުރު ތަމްރީން ދިނުމާއި، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަން ދެއްވާ އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބާރުއަޅުއްވާކަމެކެވެ.

