ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަޤާމަށް އިބްރާހިމް ނާއިފު އައްޔަންކޮށްފިއެވެ. މިކަން ވެމްކޯއިން ވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އިޢޢުލާންކޮށް، ނާއިފަށް މަރުޙަބާ ކިޔާފައެވެ.
އިބްރާހިމް ނާއިފަކީ މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުރި ބޭފުޅެކެވެ. ނަމަވެސް އޭނާ އެ މަޤާމުން ވަކިކުރީ މިދިޔަ އޯގަސްޓް 8 ވަނަ ދުވަހުއެވެ. އެ ދުވަހު ފެނަކައިގެ ޗެއާމަން އަޙްމަދު ޝަހީރު އަދި ބޯޑު މެންބަރު އަޙްމަދު އީހާބު ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަދި ވެމްކޯގެ ޑީއެމްޑީގެ މަޤާމަށް ނާއިފު ހަމަޖެއްސި ކަން ރަސްމީކޮށް އިޢުލާންކޮށްފައެއް ނުވެއެވެ. އަދި ފެނަކައިގެ ބޯޑުން އެ ތިން މެންބަރުން ވަކިކުރި ސަބަބެއްވެސް ޕީސީބީ އިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ލ. ފޮނަދޫއަށް އުފަން ނާއިފަކީ މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަޙީމް ޢަބްދުﷲ އާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. މީގެ އިތުރުން، ނާއިފަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ކެމްޕޭނުގައި އގައި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.
ވެމްކޯގެ ޑީއެމްޑީގެ މަޤާމަށް ނާއިފު އައްޔަންކުރުމާއެކު، އޭނާގެ ތަޖުރިބާ އާއި ހުނަރު ވޭސްޓް މެނޭޖްމަންޓް ދާއިރާއަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

