ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރުމުގައާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމަށް އަމަލުކުރަން ފަށާ ހިސާބުން ވީޗެޓުން ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މިހާރުވެސް ރިސޯޓްތަކާއި ސަފާރީތަކާއި ގެސްޓްހައުސްތަަކުގައި، ވީޗެޓުން ޕޭ ކުރެވޭ ޕީއޯއެސް އެބަހުރިކަމުގައި މިނިސްޓަރު ފާގަކުރެއްވި އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރީ 2014 ވަނަ އަހަރު އެވެ. އެ އެއްބަސްވުމަށް އަމަލުކުރުމަށް މަޖިލިހުން ރުހުން ލިބުނީ 2017 ވަނަ އަހަރު އެވެ. ނަމަވެސް 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން މަޑުޖެހިފައި އޮތުމަށްފަހު، މި ސަރުކާރުން ވަނީ އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ މަސައްކަތް ފަށައިފަ އެވެ.
މިހާރުވެސް ދިވެހި ރާއްޖެ އާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެ އެވެ. އަދި މިިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާއެކު މި އަދަދު އެއް ބިލިޔަން ޑޮލަރަށް އަރާނެ ސަރުކާރުން ބުނެފައިވެ އެވެ.

