ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އަންގައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސަރކިއުލަރއެއްގައި، ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށް ވަނީ އަންގާފައެވެ.
މި ސަރކިއުލަރގައި، ކޮންމެ އަހަރެއްގެ އޮކްޓޫބަރު 5 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ޓީޗަރުންގެ ދުވަހާ ގުޅިގެން، ދަރިވަރުންނާއި ބެލެނިވެރިން ވަކިވަކި ޓީޗަރުންނަށް ހަދިޔާ ދިނުންވެސް މަނާކޮށްފައިވެއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޓީޗަރުންގެ އަގުހުރި މަސައްކަތުގެ އަގު ވަޒަންކުރުމާއި، ޓީޗަރުންގެ މުހިންމުކަން ފާހަގަކުރުމެވެ. އަދި ޤައުމު ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ދަރިވަރުންނާއި މުޖުތަމަޢުއަށް ފޯރުކޮށްދިނުމެވެ.

