ރާއްޖެއަށް ޕޭޕަލް ތައާރަފުކުރުމަށް ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ޕޭޕާލްއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެ މަޝްވަރާގެ ތެރެއިން ރާއްޖޭގެ ކްރޮސްބޯޑާ ޓްރާންސެކްޝަންއަށް ޕޭޕަލްއިން ބޭނުންވެގެން ހޯދަން އެދުނު މުހިންމު މައުލޫމާތުތައް ފޯރުކޮށްދީފައިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން، ދިވެހިންނަށް ޔޫޓިއުބުން ފައިސާ ހޯދުމުގެ ދަތިތަކެއް އެބަ ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް ޔޫޓިއުބާއެކު މިމަހުގެ 19ގައި ދެވަނަ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މިނިސްޓަރު މައުލޫމާތުދެއްވި އެވެ.
ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމަށް އެމެރިކާގެ އެހީތެރިކަން ލިބިގެންދާނެކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

