ކާނެ އެއްޗެއް ނެތިގެން ކަމަށް ބުނެ މާލޭގެ ފިހާރައަކުން ވައްކަން ކުރި މީހަކަށް 15 ދުވަހުގެ ބަންދެއް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި މައްސަލައިގައި 15 ދުވަހުގެ ބަންދެއް ޖަހާފައިވަނީ ދިވެއްސަކަށެވެ.
އުމުރުން 40 އަހަރުގެ މއ. ޒެނާޔާ އަލީ ޖައުފަރުގެ މައްޗަށް މުއްދަތު ޖަހާފައި މިވަނީ ކްރިމިނަލް ކޯޓުގެ މުއްދަތު ކޮމިޓީގައި އޭނާ ދެއްކި ވާހަކަތަަކަށް ބަލާފައި ކަމަށް ވެދާނެއެވެ. ސަބަބަކީ އޭނާ ދެއްކި ވާހަކަތައް ކަމަށް ކޯޓުގެ މުއްދަތު އަމުރުގައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުކަން ހާމަ ވާތީއެވެ.
މުއްދަތު ކޮމިޓީން ބަންދަށް 15 ދުވަސް ޖަހާފައިވާ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ބަނޑުހައި ވެގެން ކަމަށް ބުނެ ވައްކަން ކުރި ނަމަވެސް އޭނާ ވަގަށް ނަގާފައިވަނީ ކާއެއްޗެއް ނޫނެވެ. އަދި އޭނާ ވައްކަން ކުރީ މަސައްކަތެއް މިދުވަސްކޮޅު ނުލިބޭތީ ލާރި ނެތުމުން ބަނޑުހައި ވެގެން ކަމަށާއި އަދި އޭނާއަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހެއް ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
މީގެ އިތުރުން މީނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް މީނާ ކުރިކަމަށް ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރެއްގެ ހެއްކާއި ގަރީނާ ހުށަހަޅާ ފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ.
ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް ވަނީ އިތުރުވެފައެވެ. ވަޅިން ބިރުދެއްކުމާއި މީހުން ރަހީނުކޮށްގެން ފޭރުންފަދަ ނުރައްކާތެރި ޖަރީމާތައް ރާއްޖޭގައި އިތުރުވަމުންދާކަން ހިތާމައާއެކު ފާހަގަކުރަމެވެ.

