ރާއްޖެ ޕްރޮމޯޓްކުރުމަށް ހޮލީވުޑްގެ ފިލްމެއް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ކްރިއޭޓިވް ވިޝަންގެ އަމާޒުތަކަށް ވާސިލުވުމުގެ ގޮތުން ރާއްޖެއާ ބެހޭ ހޮލީވުޑްގެ ފިލްމެއް އުފެއްދުމުގެ ފުރުސަތު ދިރާސާކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވި ގޮތުގައި މި ފިލްމަކީ ރާއްޖޭގެ މޫސުމާއި އިންވެސްޓްމަންޓް ފުރުސަތުތައް ހައިލައިޓްކޮށް، ޖުމްލަ ގޮތެއްގައި ޤައުމަށް މަންފާ ލިބޭނެ ގޮތަކަށް ފަރުމާކުރެވޭ އުފެއްދުމަކަށް ވާނެއެވެ.
“އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހައިބޫ ކިޔާ ކުންފުންޏަކާއެކު. އެ ކުންފުނިން ރާއްޖެ އައިސް ދިރާސާތަކެއްކޮށްފައި އެ ބޭފުޅުން ދެވަނަ ވިޒިޓެއް ރާއްޖެއަށް ކުރާނެ،” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ހޮލީވުޑްގެ ސްޓާޓަޕް ކުންފުންޏަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބި، އެ ކުންފުނީގެ ފަރާތްތައް ރާއްޖެ އައިސް ގިނަ ބަޔަކާ ބައްދަލުކޮށްފައިވެއެވެ.
މި މަޝްރޫޢުގެ އިތުރު ތަފްސީލުތަކާއި ފިލްމު އުފެއްދުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މި ފިލްމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިންވެސްޓްމަންޓް ފުރުސަތުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ޕްރޮމޯޓްކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ އުފެއްދުމަކަށް ވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

