ކުރިއަށް އޮތް 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރުގެ ވަގުތެއްގައި ބޫޓާނަށް ފުރައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޫޓާނުގައި މި މަހުގެ 20 އިން 30 އަށެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ އިންޑިއާ އާއި ބަންގްލަދޭޝް އާއެކު ގްރޫޕް އޭގައެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ބޫޓާނުގެ އިތުރުން ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ. ރާއްޖެއިން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗު ކުޅޭނީ މި މަހުގެ 22 ވަނަ ދުވަހު ބަންގްލަދޭޝް އާ ދެކޮޅަށެވެ. އަދި އޭގެ ދެ ދުވަސް ފަހުން އިންޑިއާއާ ދެކޮޅަށް ނުކުންނާނެއެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ. މި މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމު އިރުޝާދު ދެއްވާނީ ކޯޗު މުޙައްމަދު އާދަމެވެ. މުޙައްމަދު އާދަމަކީ މީގެ ކުރިން ވިކްޓަރީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓަރީއަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޒުވާން ޓީމުން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ފަރިތަކުރުންތައް ފަށައި، އެކުވެރިކަމުގެ ގިނަ މެޗުތަކެއްވެސް ކުޅެފައެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމު ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށް ގިނަ ކުޅިވަރު ލޯބިވެރިން އުންމީދު ކުރެއެވެ.

