ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދަޢުވަތަކަށް، ދިވެހިރާއްޖޭގެ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ޕާޓީގެ ޓީމެއް ޗައިނާއަށް ފުރައިފިއެވެ.
ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދަޢުވަތަކަށް ކުރާ މި ދަތުރުގައި ޕީއެންސީގެ ޓީމުގެ އެންމެ އިސްކޮށް ހުންނެވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. މި ދަތުރުގައި ޕީއެންސީގެ ޓީމުން ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯއާ ބައްދަލުކުރައްވާނެ ކަމަށް ވެއެވެ.
ޕީއެންސީގެ ޓީމުން މި ދަތުރުގައި ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސިޓީތަކަށް ކުރާ ޒިޔާރަތުގައި އެ ސިޓީތަކުގެ ސީޕީސީގެ އިސްވެރިންނާ ބައްދަލުކޮށް، ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރުމާއި، އެ ސިޓީތަކުގެ ތަރައްޤީއަށް ކޮށްފައިވާ މިވާ މަސައްކަތްތައް ބަލައި، ޗައިނާގެ ފަރާތުން އެ މަސައްކަތްތަކުގެ ތަޖުރިބާ ޙިއްސާކުރުން ކުރިއަށްދާނެއެވެ.
ޕީއެންސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުގެ މައިގަނޑު މަޤުޞަދަކީ އިޤުތިޞާދީ ކުރިއެރުންތައް ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކުރުމާއި، ދެ ޕާޓީގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ.
ޕީއެންސީގެ ޓީމުގެ މި ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

