މާލެ ސަރަޙައްދުގައި ކަރަންޓު އުފެއްދުން އިތުރުކުރުމަށް ބޭނުންވާ ޖާގައާ ގުޅޭގޮތުން މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދާއި ޓެކްނިކަލް ޓީމުގެ އިތުރުން ހައުސިންގ މިނިސްޓްރީއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިންނެވެ.
ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާލެ ސަރަޙައްދުގައި ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ބިމާއި ޖާގައާ ގުޅޭ ކަންކަމެވެ. މިކަމަށް ބޭނުންވާ ޖާގަ ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކޮށް، އެކަމާ ގުޅޭ ގޮތުން ކުރިއަށް އޮތްތަނުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
ސްޓޭޓް މިނިސްޓަރ ޑރ.މުޢާވިޔަތު މުޙައްމަދު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަކީ އުފެއްދުންތެރި ބައްދަލުވުމެކެވެ. އަދި މާލެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތް ފުޅާކޮށް ރަނގަޅުކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ.
އެ ބައްދަލުވުމަކީ ސަރުކާރުގެ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބައިވެރިން ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ބައްދަލުވުންތައް އިތުރަށް ބާއްވައި، މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

