ކުންފުނީގެ ސިއްރު މައުލޫމާތު ހާމަކުރި ކަމަށްބުނެ އެޕަލް ކުންފުނީގެ ސީނިއާ އިންޖިނިއަން ޕްރޮގްރާމް އޮފިސަރ މަޤާމުން ވަކިކޮށްފިއެވެ.
އެޕަލް ކުންފުނީގެ ސީނިއާ އިންޖިނިއަން ޕްރޮގްރާމް އޮފިސަރގެ މަޤާމުގައި ހުންނެވި އޭޝްލީ ޖިޖޮވްކިކް ކޮށްފައިވާ ޓްވީޓްތަކާއި ގުޅިގެން އެކުންފުނިން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ. އޭޝްލީ ދިޔައީ އެޕަލްގެ މަސައްކަތުގެ މާހައުލުގައި ހުރި މައްސަލަތަލާ ބެހޭ ގޮތުން ފާޅުގައި ޓްވީޓްކުރައްވަމުންނެވެ. އެގޮތުން ވެރިންގެ ފަރާތުން އޭނައަށް ކުރާ ފުރައްސާރަތަކާއި މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމެއް ނެތްކަމަށްބުނެ އޭޝްލީ ދަނީ ޓްވީޓް ކުރަމުންނެވެ.
އަދި މިވާހަކަތައް މެނޭޖްމެންޓާ ހިއްސާ ކުރުމުން އެއްވެސް ހައްލެއް ލިބިފައިނުވާކަމަށް އޭޝްލީ ވަނީ މީޑީޔާއަށް މައުލޫމާތުދީފައެވެ.
އީމެއިލްއަކުން ވަޒީފާއިން ވަކިކުރިކަން އެންގުމުން އެކަމާ އޭޝްލީ ވަނީ މާޔޫސްވެފައެވެ. އެޕަލް ކުންފުނީގައި އޭނާ ވަޒީފާ އަދާކުރަމުން އައީ ވަރަށް ލޯބިން ކަމަށާއި އެހެންނަމަވެސް އެތަނުގައި ހުރި ނޭދެވޭ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން މިފަދަ ގޮތެއް ކެރިއަރުގައި ކުރިމަތިލާން ޖެހިދާނެ ކަމަކަށް ކުރިން އުންމީދު ވެސް ނުކުރާކަމަށް އޭޝްލީ ބުނެފައިވެއެވެ. މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި އޭނާ ވަޒީފާއިން ވަކިކޮށްލީ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިމައްސަލައާއި ގުޅިގެން އެޕަލް ކުންފުނިން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނާގޮތުން އޭޝްލީ ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ ސިއްރު މައުލޫމާތު ނުހިފަހައްޓާތީ އެކަމާ ތަކުރާކުކޮށް ނަސޭޙަތް ދިނުމަށްފަހުގައެވެ. އަދި އެކުންފުންޏަކީ އަބަދު ވެސް މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް އޮތް ތަނެއް ކަމަށާއި އެކުންފުނިން އެންމެ އިސްކަންދޭ ކަންތައްތަކުގެ އެކަންތައް ހިމެނޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

