ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ، އިމިގްރޭޝަން އޮފިސަރުންނަށް ވެގެން ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހާގެ 10 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަން އޮފިސަރުންނަށް ވެގެން މާލޭ ގެއަކަށް ވަދެ ބަންގްލަދޭޝް މީހަކު އަތުން ފޯނަކާއި 9000 ރުފިޔާ6 ފޭރުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 16 ގައެވެ.
މި މައްސަލައާ ގުޅިގެން ގ.ބެރުގެ މުޙައްމަދު ނަވީން (44 އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ކޯޓުން އަމުރުކުރީ 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން ހާދިސާ ހިނގި ތަނުން އޭނާ ނުކުމެގެންދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ. އަދި އޭނާ މިކަމުގައި ބައިވެރިވާ ކަމަށާއި ފިލަން އުޅުނު ކަމަށް އައިއޯއާ ހަވާލާދީ އަމުރުގައި ބުނެފައިވެއެވެ.
އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލާގައި އިތުރު ބަޔަކު ވެސް ހިމެނެއެވެ. ނަމަވެސް އެ މީހުން ހައްޔަރުކުރެވުނު ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

