ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރަމުންގެންދާ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން ޢާންމުންގެ ޚިޔާލުތަކާއި ޝަކުވާތައް ހުށަހެޅުމަށް އެކުލަވާލާފައިވާ "މާހަރާ" ޕޯޓަލް އިފްތިތާހު ކޮށްފިއެވެ.
މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެގައި މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ކުރީގެ ހެލްތު މިނިސްޓަރ ޑޮކްޓަރ އައިމިނަތު ޖަމީލް އެވެ.
އެ ޕޯޓަލްގެ އެހީގައި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ޙިއްޞާކުރުމުން ރަގަޅުކުރަންޖެހޭ ކަންކަން ރަގަޅުކުރުމަކީ ޞިއްޙީ ޚިދުމަތާއިމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މުހިއްމު އަދި ބޭނުންތެރިކަމެކެވެ. މިފަދަ ނިޒާމެއް ޤާއިމްކުރެވިގެން ދިއުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެކެވެ.
އެ ޕޯޓަލްއަކީ ތައްޔާރުކޮށްފައިވަނީ ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއިއެކުގައެވެ.
ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުދުﷲ ޚަލީލް އާއި މިނިސްޓްރީގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރަމުންގެންދާ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަހެވެ.
މިދުވަހުގެ މި އަހަރުގެ ޝިޢާރަކީ "ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުން" އެވެ. މީގެ އިތުރުން، މި ޝިޢާރުގެ ސްލޯގަން އަކީ "ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުރިހަމައަށް ބަލި ދެނެގަތުން" މިއެވެ.

