މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިފަދައިން އިލްތިމާސް ކުރެއްވީ ރާއްޖޭގެ މަޝްހޫރު އެނިމޭޓަރު ޔާމީން ރަޝީދު ތައްޔާރުކޮށްފައިވާ ކުރު ކާޓޫނު ވީޑިއޯއެއް ހިއްސާކުރައްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ޔާމީން ރަޝީދުގެ ވީޑިއޯގައި ފެންނަނީ ބައްޕައަކު އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ހަދިޔާއަކަށް ދިނުމަށް އަތުކުރީ ގަޑިއެއް ހިފައިގެން ސައިކަލުގައި ދުއްވާފައި ދަނިކޮށް ބާރަށް ދުއްވާފައި އައި ކާރެއްގައި ޖެހި އެކްސިޑެންޓް ވާ މަންޒަރެވެ.
އެކްސިޑެންޓްވުމާއެކު ކާރު ދުއްވަން އިން މީހާ ކާރުން ފައިބައިގެން ގޮސް ސައިކަލުން ވެއްޓުނު މީހާ ފުރޮޅާލައި ކާކުތޯ ބަލައިލުމުން މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ބައްޕައެވެ. އެއާއެކު އޭނާ ބައްޕަގެ ކިބައިން މާފަށް އެދި ރޯން ފަށައެވެ.
މި ވީޑިއޯ ހިއްސާކުރައްވައި ރައީސް ކުރެއްވި ޕޯސްޓު ފަށްޓަވަމުން ލިޔުއްވާފައިވަނީ ”ފުރާނައަކީ އަގުހުރި އެއްޗެއް، ރައްކާތެރިކޮށް ދުއްވާ” މިފަދައިންނެވެ. އެއަށްފަހު ރައީސް އިލްތިމާސް ކުރެއްވީ އެންމެން ގުޅިގެން މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށެވެ.
”އަމިއްލަ އަތުން ކުރާ ގޯސް ކަންކަން ރަނގަޅު ކުރަން ދެވަނަ ފުރުސަތެއް ނުލިބުމަކީ އެކަށީގެންވާ ކަމެއް.” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ ޔާމީން ރަޝީދުގެ މި އުފެއްދުމަށްޓަކައި އޭނާއަށާއި އޭނާގެ ސެލްމިން އެނިމޭޝަން ސްޓޫޑިއޯއަށް ޝުކުރު އަދާކުރައްވާފައެވެ.

