ލޯބިވެރިޔާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބ.ތުޅާދުއަށް ނިސްބަތްވާ 28 އަހަރުގެ ފިރިހެނެކެވެ.
މާރާމާރީގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާއާ އެއްކޮށް އަނިޔާ ލިބުނު ފަރާތް ދިއުމަށް އެދުމުން އެކަމަށް އިންކާރު ކުރުމުން އަނިޔާ ލިބުނު ފަރާތުގެ ފަލަމަސްގަނޑުގައި ޖަހާފައިވާ ކަމަށާއި މިއީ އަނިޔާ ލިބުނު ފަރާތް ގެއަށް ދާން ދިޔަ މަގުމަތީގައި ހިނގާފައިވާ ކަމެއް ކަމަށް ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތުގެ ނުރުހުމުގައި މާރާމާރީ ހިންގާފައިވާ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށާއި މައްސަލާގައި ދައުވާކުރަން ބޭނުންވާ ކަމަށް އަނިޔާ ލިބުނު ފަރާތުން ބުނެފައިވާ ކަމަށެވެ.
މި ތުހުމަތާ ގުޅިގެން ފިރިހެން މީހާ ބުނެފައިވަނީ މާރާމާރީ ހިންގާފައިނުވާނެ ކަމަށާއި އޭނާ ޖަހާފައިވަނީ ފާރުގައި ކަމަށާއި އޭނާއާއި އަނިޔާ ލިބުނު ފަރާތާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށާއި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތަކީ ބަލި ކުއްޖެއް ކަމަށާއި ދެ މީހުން އެކީ މަސްވެރިންގެ ޕާކަށް ދާން ދަނިކޮށް ފުލުުހުން އޭނާ ހައްޔަރުކުރީ ކަމަށް ފިރިހެން މީހާ ބުނެފައިވެއެވެ.

