ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި މަހުގެ 19 ވާ ހޮނިހިރު ދުވަހު އިމާމުންގެ މަހާސިންތާ ބާއްވަން ތާވަލުކުރެވިފައިވާ ކަމަށެވެ.
މި މަހާސިންތާގައި ހާޒިރުވެގެންނާއި އޮންލައިންކޮށް ޖުމްލަ 383 އިމާމުން ބައިވެރިވާނެއެވެ.
މިނިސްޓަރު ވިދާޅުވީ މި މަހާސިންތާގެ މަގުސަދަކީ ފިކުރީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަދި މުޖުތަމައުގައި އިމާމުންގެ ދައުރަކީ ކޮބައިކަމާއި އަދި އިސްލާމީ އުންމަތް ބިނާކުރުމުގައި މިސްކިތުގެ ދައުރުގެ މައްޗަށް އިމާމުން ތަމްރީނު ކުރުން ކަމަށެވެ.
މިސްކިތަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ހަޔާތުގަ ވަރަށް މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިޖުރަ ކުރެއްވުމަށްފަހު ވެސް ހިޖުރައިގެ ދަތުރު މަތީގަ ވެސް މަސްޖިދުއް ޤުބާ ބިނާކުރެއްވި. އަދި މަދީނާއަށް ޒިޔާރަތް ކުރައްވައި އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ވެސް މަސްޖިދުއްނަބަވީ ބިނާކުރެއްވުން. މިސްކިތުގެ މާތްކަމާއި އިޖުތިމާއީ ހަޔާތުގައި މިސްކިތުގެ ދައުރުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވައިލައްވައި މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ދަނީ އިމާމުން ތަމްރީނު ކުރުމަށް އެހެނިހެން ޕްރޮގްރާމުތއް ވެސް ހިންގަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުން ވެސް ތައުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތު ބައެއް އިމާމުންނަށް ފަހިކޮށްދީފައިވެއެވެ.

