ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފަލަސްތީނުގެ ދިފާއުގައި މިހާތަނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަރަށް ގަދަޔަށް މަސައްކަތްޕުޅު ކުރައްވާފައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހުކުރު ޚުޠުބާގައި ފަލަސްތީނަށްޓަކައި ކުރާ ދުއާ މި ފަހުން އައިސް އުނިވެފައިވާ ކަމަށް ބުނެ ނޫސްވެެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު ވިދާޅުވީ ޚުޠުބާގެ ދުއާއަށް އެކި ފަހަރު އެކި އިބާރާތް އަތުވެދާނެ ކަމަށާއި މިހާރު ވެސް ޚުޠުބާގައި ފަލަސްތީނަށްޓަކައި ކުރާ ދުއާ ހިމެނިފައިވާ ކަމަށެވެ.
ޚުޠުބާ ލިޔުއްވަނީ އެކި ބޭފުޅުން. ލިޔުއްވާއިރުގަ ދުއާއަކަށް އިބާރާތަކަށް ލަފުޒަކަށް ބަދަލެއް އައިސްފަ އޮވެދާނެ. އެއީ ޤުރްއާނުގެ އާޔަތެއް ނޫން. އެއީ އަރަބި ބަހުން ލިޔެވޭ ދުއާއެއް ނުވަތަ ބައެއް ފަހަރު ދިވެހި ބަހުން ތަރުޖަމާ އައިސްފަ ހުރޭ.
މީގެއިތުރުން މިސްކިތްތަކުގައި ނަމާދަށްފަހު ފަލަސްތީނަށް ނަސްރަށް އެދި ޤުނޫތު ނާޒިލާ ވެސް ކިޔާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މިދިޔަ ދިހަވަރަކަށް މަސްދުވަހު ރައީސް ޑރ. މުޢިއްޒު އިސްނަންގަވައިގެން ފަލަސްތީނުގެ ހައްގުގައި ކުރެއްވި މަސައްކަތްޕުޅު އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ވަރަށް ބޮޑަށް އަގުވަޒަން ކުރައްވާ ކަމަށެވެ.
ފަލަސްތީނުގެ ހައްގުގައި ރައީސްކުރެއްވި މަސައްކަތްޕުޅުތަކަށް ބަލާއިރު، ބައިނަލް އަގުވާމީ އެކިއެކި މެހެފިލްތަކުގައާއި އެކިއެކި ބައްދަލުވުންތަކުގަ ރައީސް އަމިއްލަފުޅަށް އަދި ކެބިނެޓުގެ މެންބަރުން ވެސް ވާހަކަ ދައްކަވާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ދެކުނު އެފްރިކާއިން ހުށަހެޅި ފަލަސްތީނާ ގުޅޭ މައްސަލައިގެ ތެރެއަށް ތަދައްޚުލުވި އެއް ގައުމަކީ ދިވެހިރާއްޖެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަމަ މި މަގުން ފަލަސްތީނުގެ ދިފާއުގަ ރައީސް ވަރަށް ވަރުގަދަޔަށް އަޑުއުފުއްލަވަމުން ގެންދަވާ. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަސާސީ އެއް ކަންތައް އެއީ ފަލަސްޠީނުގެ ރައްޔިތުންގެ ދިފާއުގަ އަޑުއުފުލުން އެއީ. އެހެންވީމަ އަދި އަމުދުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގަ ވަރަށް ވަރުގަދައަށް ހަމަ އެމަނިކުފާނު ދިފާއީ އަޑު އުފުއްލަވަމުން ގެންދަވާކަން އެއީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެކަމަށްޓަކައި އުފާވާ ކަމެއް.
ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގަވާއިދާ ޚިލާފަށް ދެމިތިބުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ޚިލާފު ކަމެއްކަން ފާހަގަކުރައްވައިފައެވެ. އަދި ފަލަސްތީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިދޭކަން ފާހަގަކުރައްވައިފައިވެއެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ޚިލާފަށް އިސްރާއީލުން ވަޒަންވެރި ކުރުވަމުން ދިއުމުގެ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށާއި އިސްރާއީލުގެ ނާއިންސާފު އަމަލުތަކާއި ތަފާތުކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ވެސް ގޮވާލައްވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވެސް
ނިންމަވައިފިއެވެ.

