ބޯންމެރޯ ފަރުވާއަށް ޒަކާތު ފަންޑުން މި އަހަރު 10 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، ފަގީރުންގެ ތެރޭގައި ބޯންމެރޯ ފަރުވާއަށް ބޭނުންޖެހިފައިވާ އެކި ފަރާތްތައް އެބަތިބި ކަމަށާއި، ކުދިންނާއި މައިންބަފައިން ދަތި ހާލުގައި އުޅެމުންދާ ކަމަށެވެ. އަދި ޒަކާތު ފަންޑަކީ ހަމައެކަނި ފައިސާ ބެހުމަށް ބޭނުންކުރާ އެއްޗެއް ނޫން ކަމަށާއި، ފަގީރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް އުފާވެރިކަން ގެނެސްދިނުމަކީވެސް އޭގެ މަޤްޞަދެއް ކަމުގައި ވިދާޅުވިއެވެ.
“މި އަހަރުގައި 10 މިލިއަން ރުފިޔާ ފަގީރު ހާލަތުގައިވާ ތެލެސީމިއާ ކުދިންނަށް ހަރަދު ކުރުމަށް ހެލްތް މިނިސްޓްރީއާ ވާނީ ހަވާލުކޮށްފައި.” މިނިސްޓަރު ޑރ ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، ޒަކާތު ފަންޑުން ފަލަސްތީނު ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ކާރިސާއަށް އެހީތެރިވުމުގެ ގޮތުން އެއްލައްކަ ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ. ނަމަވެސް، ބޭރު ޤައުމުތަކަށް ފައިސާ ފޮނުވުމުގައި ގިނަ އިޖުރާއަތުތަކެއް ފުރިހަމަ ކުރަން ޖެހޭތީ، އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ޤަތަރުގެ ރެޑް ކްރެސެންޓާއެކު އެއްބަސްވުމެއް ޤާއިމުކޮށް، އެ ފައިސާ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ކުރިން ޒަކާތު ފަންޑާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ތެލެސީމިއާގެ 50 ކުދިންގެ ބޯންމެރޯ ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި، މި އެއްބަސްވުމުގެ ދަށުން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީ ދިނުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.

