ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރު (32އ) ނިޔާވީ ދަންޖެހިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވީ، އާދަމް އަތުހަރުގެ އޮޓޮޕްސީ ރިޕޯޓް ލިބިފައިވާ ކަމަށާއި، އެ ރިޕޯޓުގައި މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ލިޔެފައިވަނީ “ކޮންސިސްޓެންޓް ވިތް ޑެތް ޑިއު ޓު ހޭންގިން” ކަމަށެވެ.
އަތުހަރު ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި އެ އަންހެން މީހާ ރަހީނު ކުރުމަށް މަސައްކަތް ކުރި މައްސަލައިގައެވެ. އަންހެން މީހާ ރަހީނު ކުރުމަށް އަތުހަރު މަސައްކަތް ކުރަމުން ދިޔަ ވަގުތު، ފުލުހުން އަތުހަރު ހައްޔަރު ކޮށްފައިވަނީ އޭނާގެ ފަހަތުން އަރާ ބޮލުގައި މުގުރުން ޖަހާ ބިންމައްޗަށް ވައްޓާލާފައިގެންނެވެ. ހައްޔަރު ކުރުމުގެ ތެރޭގައި އަތުހަރަށް އެކިވަރުގެ ޒަހަމްތައް ލިބުނެވެ.
އެ ޒަހަމްތަކަށް އެންމެ ފުރަތަމަ އަތުހަރަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުން އޭނާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވަނިކޮށް، ފިޓު ޖެހިގެން ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދެވުނެވެ. އޭގެ ފަހުން އޭނާ ދޫކޮށްލުމުން ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ
ދޫނިދޫ ގޮޅިގައި ހުއްޓާ އޭނާ ދަންޖެހިފައިވާ މަންޒ މަންޒަރު ފެނުމާއެކު މި މަހުގެ އެއް ވަނަ ދުވަހު އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންދެވުނެވެ. އޭގެ ފަހުން ވެންޓިލޭޓަރުގައި އޮއްވާ އަތުހަރު ނިޔާވިކަން ހާމަކޮށްފައިވަނީ މި މަހުގެ ދެ ވަނަ ދުވަހެވެ.
އަތުހަރުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގައެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

