ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް މިއަދު އިފުތިތާހުކޮށްފިއެވެ.
ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅުގައި ފަށާ ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހއ.ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހއ.އަތޮޅު ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 5 މެންބަރުންނެވެ.
މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމާއި ރީޖަނަލް އެއާޕޯޓްސް މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީންގެ އިތުރުން ހއ.އަތޮޅުގެ ބައެއް ރަށްތަކުގެ ކައުންސިލް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެެރިވިއެވެ.
ބަންކަރިންގ ޚިދުމަތަކީ ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅުގައި ގާއިމުކުރެވޭ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ކުރިއަށްގެންދެވޭ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަޝްރޫއުގެ ފުރަތަމަ މަސައްކަތެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް މަޝްރޫއުއެއް ހިންގުމަށްޓަކައި އެސްޓީއޯއިން، ވިޓޯލްއާއެކު ޓާމް ޝީޓެއްގައި ސޮއިކުރީ މިދިޔަ މާޗު މަހުގައެވެ.
ވިޓޯލްއަކީ ނެދަލެންޑްސްގެ ކުންފުންޏެކެވެ. މި ކުންފުނީގެ އާމްދަނީ 2022 ގައި ހުރީ 500 ބިލިއަން ޑޮލަރުގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވިޓޯލްގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބަންކަރިންގ ޚިދުމަތުން އިގުތިސާދަށް އިންގިލާބެއް ގެނެސްދޭނެ. ފޮޓޯ: ހުވަދޫ މީޑިއާ
ބަންކަރިންގ ޚިދުމަތަކީ އުޅަނދުފަހަރަށް ތެޔޮ ސަޕްލައި ކުރުމުގެ ޚިދުމަތެވެ. އޭގެތެރޭގައި އުޅަނދުފަހަރަށް ތެޔޮ އެޅުމާއި އުޅަނދުގައި ހުރި ތެޔޮ ޓޭންކްތަކަށް ބެހުމުގެ މަސައްކަތް ހިމެނެއެވެ. ބަންކަރިންގ ޚިދުމަތުގެ ތެރެއިން އުޅަނދުފަހަރަށް ބަނދަރެއްގައި ބަނދަރުކުރަން ނުޖެހި، ތެޔޮ ފޯރުކޮށްދީގެން އެ އުޅަނދުތަކުގެ ދަތުރުތައް ކުރިއަށްގެންދެވޭނެއެވެ. މި ޚިދުމަތަކީ ދުނިޔޭގެ ޝިޕިންގ ރޫޓުތަކުގެ ދުވެލި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓުމަށް ނުހަނު މުހިންމު ޚިދުމަތެކެވެ.
އެސްޓީއޯއިން އޮފްޝޯ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދޭއިރުގައި އެމްޕީއެލްއިން ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.

ބަންކަރިންގ ޚިދުމަތަށް ބޭނުންކުރާ އުޅަނދެއް. ފޮޓޯ: ހުވަދޫ މީޑިއާ
އޭގެތެރޭގައި ވޯޓަރ ބަންކަރިންގ، ސާފު ފެން ފޯރުކޮށްދިނުން، ކްރޫޒު ޓާމިނަލް ޕައިލަޓޭޖް، ޓަވާ ޚިދުމަތް އަދި ބޯޓު ފަހަރަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ހިމެނެއެވެ.
މި ޚިދުމަތްތައް ދިނުމަށް އެމްޕީއެލްއިން ރޭ ވަނީ "އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް (އައިއެސްޕީއެސް)" ހުޅުވައިފައެވެ.
އެމްޕީއެލްއިން ވަނީ މި ޚިދުމަތްތަކާ ގުޅޭ ޚާއްސަ ވެބްސައިޓް، އުތުރު މެރިޓައިމް ސަރވިސަސް (ޔޫއެމްއެސް) ވެބްސައިޓު ވެސް ލޯންޗުކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް، ޚިދުމަތް ހޯދަން ބޭނުންވާ އުޅަނދު ފަހަރަށް ކުރިއާލައި ބުކިން ހެދޭނެއެވެ.
އަޅުގަޑުމެންގެ އަމާޒަކީ، މިއީ އިންޓަރނޭޝަލަލް މާކެޓަށް ދެވޭ ޚިދުމަތް ތަކަކަށްވާއިރު، ކޮމްޕެޓިޓިވު މާކެޓެއްގެ ތެރެއިން، އެޓުރެކްޓިވް ޚިދުމަތް ތަކެއް ފޯރު ކޮށްދީ، ރަނގަޅު މާކެޓް ޝެއާރ އެއް ރާއްޖެއަށް ހޯދުން. ސީއީއޯ ވަޖީހު ވިދާޅުވެފައިވެއެވެ.
ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން ވަނީ 4000 ޓަނުގެ ތެޔޮ ރައްކާކުރެވޭ ދެ ބޯޓު ރާއްޖެ ގެނެސްފައެވެ.
މި ޚިދުމަތް މިއަދު ފަށާފައިވާއިރު، ސްރީލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރާ އެމްއެސްއެސްގެ ބޯޓަކަށް މިއަދު ވަނީ ތެޔޮ ފޯރުކޮށްދީފައެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް މިނިސްޓަރު ސަޢީދު ވަނީ ވިދާޅުވެފައެވެ. މިއާއެކު 6 ބިލިއަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.
ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުތައް އާންމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެހެންކަމުން ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށްވުރެ ގިނަ އާގުބޯޓު ހުރަސް ކުރާ ކަމަށް މެރިޓައިމް މޫވްމަންޓްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެފައިވާ ގޮތުން މި މަޝްރޫއުގެ ސަބަބުން އެސްޓީއޯއަށް މާލީ ގޮތުންނާއި ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުންފުނީގެ އާމްދަނީއާއި ފައިދާ އިތުރުވެ، ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވަށް އިތުރުކަމެއް އަންނާނެއެވެ. އަދި އިތުރު ވަޒީފާގެ ފުރުސަތުތައް ވެސް އުފެދޭނެއެވެ.
ސީއީއޯ ވަޖީހު ވިދާޅުވި ގޮތުން މި ޚިދުމަތް ފެށުމުން އެމްޕީއެލްއަށް ވެސް ވަރަށް ބޮޑު މަންފާތަކެއް ކުރާނެއެވެ. އެގޮތުން މިއިން ކޮންމެ ކަމަކީވެސް ޑޮލަރުން ހިންގާ މުއާމަލާތްތައް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އެތައް މިލިއަން ޑޮލަރެއް ވަންނަމުންދާނެ ކަމަށް ސީއީއޯ ވަޖީހު ވިދާޅުވެފައިވެއެވެ.

