l.ތިލަފުށީގައި ތަރައްގީކުރާ ކުނި މެނޭޖުކުރާ ރީޖަނަލް ސެންޓަރާއެކު ކުދި ރަށްތަކަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް، ކްލައިމެޓް ޗޭންޖް، އެންވާރަމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކުނި މެނޭޖުކުރުމުގައި ބޭނުންކުރާ އުޅަނދުތަކާއި އާލާތްތައް 20 ރަށެއްގެ ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ކުނި މެނޭޖްކުރަން ބޭނުންވާ ތަކެތި ކައުންސިލްތަކާ ހަވާލުކޮށްދެއްވީ މިނިސްޓަރު ތޯރިގް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާާޅުވީ، މާލެ ސަރަހައްދުގައި ހިމެނޭ ކުދި ރަށްތަކުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްނުކުރެވޭ ކަމަށެވެ. އެކަން އެގޮތަށް ދިމާވެފައިވަނީ އެކަމަށް ބޭނުންވާ އިމާރާތްތައް އަޅަން ބިން ނެތުމުން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ތިލަފުށީގައި އަޅާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ނިމުމުން މާލެ ސަރަހައްދުގައި ހިމެނޭ ކުދި ރަށްތަކުގައި ކުނި މެނޭޖްނުކުރެވޭ މައްސަލައަށް ވަށައިޖެހޭ ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމުގެ މަސައްކަތް ނިންމަން ރާވާފައިވަނީ 2026 ވަނަ އަހަރަށެވެ. އަދި އެ ސެންޓަރަށް ބޭނުންވާ ލޭންޑިން ކްރާފްޓްތައް ހޯދަމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ރަށްރަށް ފޯރުކޮށްދެވުނު ކުނި މެނޭޖްކުރާ ވަސީލަތްތަކުގެ ތެރޭގައި ކުނި ޓްރަކާއި ޑަސްބިނާއި ރައްކާތެރި ގޮތުގައި ކުނި ގުދަންކުރުމަށް ބޭނުންކުރާ ބޭލާ މެޝިން ހިމެނެ އެވެ.

