ގައުމަށްޓަކައި ބަޔަކު ރަނގަޅުކަމެއް ކުރުމުން އެ ބަލައިގަންނަންޖެހޭ ކަަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
ވަޖީހު މިހެން ވިދާޅުވީ ރާއްޖޭގައި އަލަށް ފަށާ ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް ދިނުމަށް “އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް (އައިއެސްޕީއެސް)” ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޖީހު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ 100 ދުވަހުގެ ޕްރޮގްރާމުގައި، ރާއްޖޭގެ މެރިޓައިމް ދާއިރާގައި އުތުރާއި މެދުތެރެ އަދި ދެކުނަށް ބޮޑެތި ބަދަލުތަކެއްގެންނަވާނެ ކަމަށް އިއުލާނު ކުރެއްވި ކަމަށާއި އެއާއެކު އެ މަސައްކަތުގެ ބޮޑު ބައެއް ހަވާލުކުރެއްވީ އެމްޕީއެލްއާ ކަމަށެވެ.
އެމަނިކުފާނު ދެއްކެވި މަގުން އެ އިރުޝާދާ އެއްގޮތަށް އެމްޕީއެލްއިން ބެލީ އެމަނިކުފާނުގެ ސްޕީޑުގަ މަސައްކަތް ކުރަން. އެގޮތުން އެމްޕީއެލްގެ މުވައްޒަފުން މަސައްކަތްކޮށް މިރޭ ހުޅުވިގެންދިޔަ އައިއެސްޕީއެސް ގޭޓަކީ އެ މަސައްކަތުގެ އެއް ބޮޅު.
ވަޖީހު ވިދާޅުވީ ކޮންމެ ގޮތަކަށް ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ދުނިޔެ މި ހިސާބަށް ދެއްކި ނަމޫނާއަކީ ގައުމެއް ތަރައްގީވެފައި އޮތީ އެ ގައުމެއްގައި އުފެދޭ ވެރިއެއްގެ ހުރި ވިސްނުމުގެ މައްޗަށް ކަމަށާއި އެ ވެރިއެއްގެ ހުރި އިޚުލާސްތެރިކަމާއި އެބޭފުޅަކު ހިންގެވި މަގެއްގެ މައްޗަށް ކަމަށެވެ. އަދި ތަރައްގީވުމުގެ ސްޕީޑު އަަވަސްވުމާއި ލަސްވުންވެސް ބިނާވަނީ އެބޭފުޅެއްގެ ހުރި އަސްލެއްގެ މައްޗަށް ކަމަށެވެ.
ދިވެހިރާއްޖެ ތަރައްގީ ނުވެ އޮތީ މި ކަންކަން ނެތީމާ ކަމަށާއި ނަމަވެސް އަދުގެ ރައީސް ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖެއްސެވުމަށްޓަކައި ފެށްޓެވި މަސައްކަތްތަކަކީ މިހާ ހިސާބަށް ރާއްޖޭގެ ރައީސަކު ނުކުރައްވާ މަސައްކަތެއް ކަމަށް ވަޖީހު ވިދާޅުވިއެވެ.
މިކަން ގަބޫލުކުރަންޖެހޭ. އެހެންނޫންނަމަ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭ މިވަރުގެ މަަސައްކަތެއް ނުނިމޭނެ.
ވަޖީހު ވިދާޅުވީ މި މަސައްކަތްވެގެންދާނީ ރާއްޖޭގެ މެރިޓައިމް ދާއިރާއިން ރާއްޖޭގެ އިގުތިސާދަށް ނަފާ ހޯދައިދޭނެ ތިންވަނަ އިންޑަސްޓްރީއަށް ކަމަށެވެ. އަދި ރައީސްގެ ލަފާފުޅާ އެއްގޮތަށް މިދަނީ ރާއްޖޭގެ މެރިޓައިމް ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނަންކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ. އަދި މި ދައުރުގައި ރައީސްގެ ލަފާފުޅާއި އިރުޝާދާ އެއްގޮތަށް ”އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ މުޅި ރާއްޖެއަށް ފަތުރާލާނަން” ކަމަށާއި ރާއްޖޭގެ އިގުތިސާދީ މަސައްކަތަށް ބޮޑު މަންފާއެއް ފޯރުކޮށްދޭ އިންޑަސްޓްރީއަކަށް މި ދާއިރާ ހަދާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
އޭގެ ފެށުން މީ. ބައެއް ބޭފުޅުން މިކަން ނުކުރެވި ތިއްބެވި ބޭފުޅުން ނަމަވެސް މިއަށް ފާޑުކިޔާ ބޭފުޅުން ނަމަވެސް ހިތްހަމަ ޖެހުނަސް ނުޖެހުނަސް މި ވާހަކަ ދައްކަވާ ބޭފުޅުން ވިދާޅުވި ކިހިނެއްހޭ ތިކަން ކުރާނީ. ވަރަށް ފާޑުފާޑުގެ ވާހަކަ ދެއްކެވި. އަޅުގަނޑު މި ދަންނަވަނީ އެކަންވާނެ ކަމަށް.
ވަޖީހު ވިދާޅުވީ ސިޔާސީ ވާދަވެރިކަމާއި ފިތުނަވެރިކަމަކީ ކޮންމެސް އެހެން ބައެއްގައި އޮންނަންޖެހޭ ކަމެއް ކަމަށާއި ހުރިހާ މީހުން ވެސް ގައުމަށްޓަކައި އިޚުލާސްތެރިވާންޖެހޭ ކަމަށެވެ.

