މި ދައުރުގައި ރާއްޖޭގެ ތިން ސަރަހައްދެއް ކުރޫޒް ޓާމިނަލް އަޅާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އަލަށް ފަށާ ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް ދިނުމަށް “އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް (އައިއެސްޕީއެސް)” ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޖީހު ވިދާޅުވީ އުލިގަމަކީ ޒަމާނުއްސުރެ ބޭރުގެ ފަރާތްތަކުން ޒަމާނުއްސުރެ ޝައުގުވެރިވާ ހިސާބެއް ކަމަށާއި އަހަރެއްގެ މައްޗަށް އެހިސާބަށް އެތައް ސަތޭކަ ޔޮޓެއް ބަނދަރުކޮށްފައި އެބަހުރި ކަމަށެވެ.
ނަމަވެސް މި ސަރުކާރު އައުމާ ހަމައަށް އެއްވެސް ސަރުކާރަކުން އެކަމަކަށް އަޅައެއްނުލާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ މި ފެށޭ މަސައްކަތް ކާމިޔާބު ކުރުމަށް އިހަވަންދިއްޕޮޅުގައި މެެރިޓައިމް ދާއިރާގެ ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށެވެ.
އެގޮތުން އުލިގަމުގައި މުހިންމު ތިން މަޝްރޫއުއެއް ހިންގާނެ ކަމަށާއި އެއްކަމަކީ އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުން ކަމަށް ވަޖީހު ވިދާޅުވިއެވެ.
މި މަސައްކަތަށް ބޭރުގެ 6 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ލަސްތަކެއްނުވެ މި މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.
މި ގައުމު މި ހިސާބަށް އައިއިރު ރާއްޖެއިން ބޭރުން އަންނަ ޕަސެންޖަރލައިންތަކަށް ޚިދުމަތްދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އެއްކޮށް މި ދައުރުގައި އުތުރާއި މެދުތެރެއާއި ދެކުނުގެ ތިން ހިސާބެއްގައި ތިން ކްރޫޒް ޓާމިނަލް ގާއިމުކުރާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ހަމައެއާއެކު އުލިގަމުގައި ސިޓީ ހޮޓަލެއް ގާއިމުކުރާނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.

