ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިމެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ހަވާލުކޮށްފިއެވެ.
ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށް ދެވިފައެވެ. އަދި އޭގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާބިން އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކާ އެމިނިސްޓްރީން ވަނީ ހަވާލުކޮށްފައެވެ.
މިތަކެތި އެރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްދެއްވި ސާފުރާއްޖެ ބިލްޑިންގް ގެ ސެމިނަރ ރޫމްގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހިމްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ކުނި އުފައްދާ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނަކަމުގައި ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކުންޏަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮނޑު އެއްމައްސަލަ ކަމުގައިވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން އިއްޔެ ހަވާލުކުރެވުނު ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި އުސޫލެއްގެ ތެރެއިން ރަށުފެންވަރުގައި ކުނި މޭނޭޖްކުރުމަށްވެސް އެމަނިކުފާނު ކައުންސިލްތަކަށް ވަނީގޮވާލައްވާފައިވެއެވެ.
އެ ހަވާލުކުރެވުނު ވަސީލަތްތަކަކީ ކުނި މެނޭޖްކުރުމުގެ ޤާނޫން އަދި މަގޭސާފުރާއްޖެ ސިޔާސަތާއި ސްޓްރެޖީތަކާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރަކަށް ކުނިމެނޭޖްކުރުމުގެ ވަކި މިންގަޑަކަށް ފެއްތުމުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަވާލުކުރެވުނު ވަސީލަތްތަކެކެވެ.
އެ ރަސްމިއްޔާތުގައި އެކައުންސިލްތަކުގެ ރައީސުންނާއި ނާއިބުރައީސުން އަދި ކައުންސިލަރުންގެ އިތުރުން ރައްޔިތުންމަޖިލިސްގެ ބައެއް އިއްޒަތްތެރިންނާއި ވެމްކޯގެ ބައެއްއިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

