އިހަވަންދިއްޕޮޅުގައި މިއަދު ފަށާ ބަންކަރިންގ ޚިދުމަތުގެ އެއް ކޮމްޕޯނަންޓް ކަމަށްވާ ބޭރުގެ އާގު ބޯޓުފަހަރަށް ފެންފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ހއ.ތުރާކުނު ކައުންސިލާއެކު އެމްޕީއެލްއިން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވީ ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެމްޕީއެލްއިން ނިންމާފައި ވަނީ ތުރާކުނު ފަޅުގައި ބާޖެއް ބޭއްވުމަށް ކަމަށެވެ. އަދި އެ ބާޖު ރިިފިލް ކުުރާނީ ތުރާކުނުގައި ހުންނަ ފެން ޕްލާންޓުން ކަމަށެވެ.
ފެނަކައިން ހިންގަމުންދާ ފެން ޕްލާންޓަކަށް ވިޔަސް އަދި ފެނަކައާ އެއްކޮށް އަޅުގަނޑުމެން އެމްއޯޔޫއެއްގަ ސޮއިކުރިޔަސް އެކަމުގެ މަސައްކަތް ކުރެވެނީ މި ރަށުގަ ކަމަށްވާތީވެ މި ރަށުގަ ކައުންސިލާއެކު އަޅުގަނޑުމެން ބޭނުންވޭ އެ މަސައްކަތުގެ އެމްއޯޔޫގަ ސޮއިކުރަން. އެހެންކަމުން މިއަދުގަ އެ ސޮއިކުރެވިގެންދިޔައީ މި އެމްއޯޔޫގަ.
ވަޖީހު ވިދާޅުވީ މި ފެށި މަސައްކަތުގައި ގަބޫލުކުރެވެނީ އަދި ރާއްޖޭގައި ތިއްބެވި މި ދާއިރާގެ ފަންނީ ބޭފުޅުން ވިދާޅުވަނީ ވެސް މިއީ ވަރަށް ބޮޑު މާކެޓެއް ލިބިގެންދާނެ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މި މަސައްކަތް ވަރަށް ފުޅާވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އަދި މިހާރު ވެސް ގުރީކުގެ 14 އާގުބޯޓު އޮޕަރޭޓްކުރާ ކުންފުންޏަކުން ފެނުގެ ޚިދުމަތަށް އެދިފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

ބޭރުގެ އާގު ބޯޓުފަހަރަށް ފެންފޯރުކޮށްދިނުމަށް ތުރާކުނު ކައުންސިލާއެކު އެމްޕީއެލްއިން އެމްއޯޔޫއެއްގައި ސޮއިކުރުމަށް
ބޭއްވި ރަސްމިއްޔާތުގެތެރެއިން. ފޮޓޯ: ހުވަދޫ މީޑިއާ
އެބޭފުޅުން ބޭނުންފުޅުވޭ މި ސަރަހައްދުން ފެނުގެ ޚިދުމަތް ފޯރުކޮށްދެވޭ ކަމަށްވާނަމަ، އެ މީހުންގެ 14 ބޯޓު މިކޮޅަށް ޑައިވާޓްކުރަން. އެހެންވީމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެގޮތަށް އެ މަސައްކަތް ފަށާނަން.
ވަޖީހު ވިދާޅުވީ އަދި މި ޚިދުމަތަށް އެދޭ އިތުރު ކުންފުނިތައް ހިމެނޭހެން މިކަމަށް ބޮޑު ޑިމާންޑެއް ލިބިގެންދާނެ ކަމަށެވެ.

