ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
އެންސީއޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445 އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މުބާރާތުގެ އުސޫލުތަކަށް ބަދަލުގެންނަންޖެހޭ ކަމަށެވެ.
އެގޮތުން ޑްރާމާތައް އޮލިމްޕަހުގައި ސްކްރީންކޮށް، ޓިކެޓު ވިއްކައިގެން ލިބޭ އާމްދަނީގެ ޕަސެންޓޭޖެއް ޑްރާމާ އުފައްދާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ ސަބަބުން ގިނަ ފަންނާނުން އުފެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އެ ފަރާތްތަކަށް އިންޑަސްޓްރީއިން ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެންސީއޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445 ގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވިފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އުފެއްދި “މަނާލް” ޑްރާމާއެވެ.
މި މުބާރާތުގެ އެންމެ މޮޅު އަންހެން އެކްޓަރުގެ މަގާމަށް ހޮވިފައިވަނީ ޑރ.ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ) އެވެ. އަދި އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ހޮވިފައިވަނީ އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް) އެވެ.
އެންމެ މޮޅު އަންހެން ސަޕޯޓިން އެކްޓަރަަކަށް އާއިދާ މުހައްމަދު (މަނާލް/ އެމްއެންޔޫ) ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރަކަށް ހޮވުނީ މުހައްމަދު ނިޝްވާން (ކުރެހުން/ ކަރެކްޝަނަލް ސާވިސް) އެވެ.
އެންމެ މޮޅު ޑިރެކްޓަރަަކަށް ހޮވުނީ މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ) އެވެ. އަދި އެންމެ މޮޅު ސްކްރީންޕްލޭއަަކަށް ހޮވުނީ މަހުދީ އަހްމަދު (މަނާލް/ އެމްއެންޔޫ) އެވެ.
މީގެއިތުރުން އެންމެ މޮޅު ސިނަމެޓޮގްރާފަރަކަށް (މަނާލް/ އެމްއެންޔޫ) ހޮވިފައިވާއިރު، އެންމެ މޮޅު އެޑިޓަރަކީ މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ) އެވެ. އަދި އެންމެ މޮޅު ޑްރާމާ (ވިއުވާސް ޗޮއިސް) އަކީ ދޮރުކަޅި (ފަހި ދިރިއުޅުން ކޯޕަރޭޝަން) އެވެ. އެންމެ މޮޅު އެކްޓަރ އަންހެން ( ވިއުވާސް ޗޮއިސް) އަކީ ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ) އެވެ.
އެންމެ މޮޅު އެކްޓަރ ފިރިހެން (ވިއުވާސް ޗޮއިސް) އަކީ އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް) އެވެ.

