ރާއްޖޭގައި ތާރީޚުގައި އަލަށް ފަށާ ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތް މިއަދު ހަވީރު ރަސްމީކޮށް އިފުތިތާހު ކުރާނެއެވެ.
ތަރައްގީއާއި ގުޅިފައިވާ މި ބިޔަ މަޝްރޫއު ރަސްމީކޮށް އިފުތިތާހު ކުރުމަށް އެސްޓީއޯ އަދި އެމްޕީއެލްއިން ފުރިހަމައަށް ވަނީ ތައްޔާރުވެފައެވެ.
މި ޚިދުމަތް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު ފަށާނީ ހަވީރު 16:30 ގައެވެ.
ބައިނަލްއަގުވާމީ ބަންކަރިންގ ޚިދުމަތަކީ ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅުގައި ގާއިމުކުރެވޭ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ކުރިއަށްގެންދެވޭ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަޝްރޫއުގެ ފުރަތަމަ މަސައްކަތް ކަމުގައި ވާނެއެވެ.
ބަންކަރިންގެ ޚިދުމަތް ދޭނީ އެސްޓީއޯއިންނެވެ. އަދި އެއާ ގުޅޭ އިތުރު ޚިދުމަތްތައް ފޯރުކޮށްދޭނީ އެމްޕީއެލްއިންނެވެ. އޭގެ ތެރޭގައި ފެނާއި، ކާބޯތަކެތި އަދި ބޯޓުފަހަރަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ހިމެނެއެވެ.
ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން ވަނީ 4000 ޓަނުގެ ތެޔޮ ރައްކާކުރެވޭ ދެ ބޯޓު ވެސް ރާއްޖެ ގެނެސްފައެވެ.
މި ޚިދުމަތް މިއަދު ފަށާއިރު، ސްރީލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރާ އެމްއެސްއެސްގެ ބޯޓަކަށް މިއަދު ތެޔޮ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބަންކަރިންގ ޚިދުމަތުގެ ގޭޓް ކަމަށްވާ، “އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް (އައިއެސްޕީއެސް)” ރޭ ވަނީ ހުޅުވައިފައެވެ.

