ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒު ޢައްބާސް ޝަރީފު ބަންޑާރަނާއިބު އަލްއުސްތާޒު އަޙްމަދު އުޝާމްއާ މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދެވީ މިއަދު އެޓާރނީ ޖެނެރަލްގެ އޮފީހުގައި ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ބަންޑާރަނާއިބު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ޢައްބާސް އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާއިރު، ޕީޖީ ޢައްބާސް ވަނީ މި ނިޒާމު އިތުރަށް ފުރިހަމަކުރުމަށް އޭނާ ގެންގުޅުއްވާ ތަސައްވުރު އޭޖީ އުޝާމާ ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އޭޖީ އުޝާމް ވަނީ ޕީޖީގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާއެކު ދެމިހުންނެވުމަށް ޢައްބާސަށް ހިތްވަރު ދެއްވާފައެވެ.
ގާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން، ޕީޖީގެ މަސްއޫލިއްޔަތުތައް އަދާކުރާންވާނީ އަދި ބާރުތައް ބޭނުންކުރާންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްސުބުން އެއްކިބާވެ ހުރެ، އޭޖީ ކަނޑައަޅުއްވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ.
އެހެންކަމުން ޕީޖީގެ މަސައްކަތްޕުޅު ބަންޓައްކުރާނެ ގޮތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ ފަރާތަކީ އޭޖީއެވެ.
ޕީޖީގެ މަގާމަށް ޢައްބާސް އައްޔަން ކުރައްވާފައިވަނީ އިއްޔެގައެވެ. އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ގާނޫނުއަސާސީގެ 221 ވަނަ މާއްދާއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

