މާލޭގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ސިފައިންގެ ދެ އޮފިސަރުން ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ.
މާލޭ ދެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި މައްސަލާގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ ދެ އޮފިސަރުންނަކީ ފުލްމޫން/ކ.މާފުށި، މުޙައްމަދު ނަފާހް އާއި ލިންކް/ލ.ގަން، ތުނޑި، އަޙްމަދު ޒަޔާންއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ މި ދެ މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާތީ މި ދެ މީހުން ވެސް ސިފައިންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައިވަނީ މެހުރާ/ރ.ކަނދޮޅުދޫ، ޢަލީ ސާމީ އާއި ހުދުވެލި/ގދ.ގައްދޫ، އަޙްމަދު ސާއިފް ވަޙީދު އާއި އުތުރުގެއާގެ/ތ.ތިމަރަފުށި، މުޙައްމަދު ނައުޝާދު ޙުސައިން އެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ނަފާހު ފިޔަވައި ދެން ތިބި މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ނަފާހު ބަންދުކޮށްފައިވަނީ ތަހުގީގު ނިމެންދެނެވެ.
މި މައްސަލާގައި 18 އަހަރުން ދަށުގެ ތިން ކުއްޖެއްގެ ބައިވެރިވުން ހިމެނޭތީ އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައްސަލާގައި އަނިޔާ ލިބުނު 30 އަހަރުގެ މީހާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާއިރު، އޭނާގެ ވާތު ލޮލަށް ލޭ އަރާފައި ހުރި ކަމަަށާއި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، އޭނާގެ ވާތުގެ އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ބުރިކޮށްލައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވަނީ އަނިޔާ ލިބުނު މީހާ ރަހީނުކުރީ މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ނަމުގައި ނަގާފައިވާ ދެ އެޕާޓްމަންޓެއްގައި ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަކީ އަނިޔާ ލިބުނު މީހާ މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައެއް ކަމަށަް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވާ ގޮތުން، އެޕާޓްމަންޓުން މަސްތުވާތަކެތި ބަންދުކުރާ ޕެކެޓާއި ކައްޓާ ވެސް ފެނިފައިވެއެވެ. އަދި އެތަނުގައި އޮތް ވޮލެޓަކުން މަސްތުވާތަކެތި ފެނުނުއިިރު، ބަނގުރާ ފުޅި ވެސް އެތަނުން ފެނިފައިވެއެވެ.

