މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުގައި، އައު ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް، ބަންޑާރަނައިބު އަހްމަދު އުޝާމް އާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ބައްދަލުވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ވަނީ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ބަންޑާރަނައިބާ ހިއްސާކުރައްވާފައެވެ. އަދި ބަންޑާރަނައިބު އުޝާމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާ އެކު ދެމިހުންނެވުމަށް އައްބާސްއަށް ހިތްވަރު ދެއްވާފައެވެ.
ގާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ބަންޑާރަނައިބު ކަނޑައަޅުއްވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. މި ބައްދަލުވުމުގައި ބަންޑާރަނައިބު ވަނީ އައްބާސް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްބާސް އައްޔަންކުރައްވާފައިވަނީ އިއްޔެއެވެ. އައްބާސް އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަގާމުތަކުގެ ތެރޭގައި ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަގާމާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީގެ ގަވަނިންގ ބޯޑުގެ މެންބަރުކަން ހިމެނެއެވެ. އޭގެ ކުރިން އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުގެ މަގާމާއި އަދި ގާނޫނީ ދާއިރާގެ އެކިއެކި މަގާމުތައް ހިމެނެއެވެ.
އައްބާސް ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލާ އޮފް ލޯ ހާސިލުކުރައްވާފައެވެ.

