ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓާފައިވާ އެއިދާރާގެ ބެލުމުގެ ދަށުގައި ހުރި 867،410 ސިނގިރޭޓް ނައްތާލައިފިއެވެ.
ކަސްޓަމްސްއިން ބުނީ މި މަހުގެ 4 ވަނަ ދުވަހު އެތެރެކުރުން މަނާ ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލާފައިވާ ކަމަށެވެ.
ކަސްޓަމުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ:
- 3،496 ބަނގުރާ (ފުޅި)
- 763 ބިއަރު (ދަޅު)
- 32 ބަނގުރާ އެކުލެވޭ ތަކެތި (ފްލާސްކް، ޗޮކްލެޓް، ޕެކެޓް)
- 162.58 ކިލޯ ދުންފަތް/ދުންބޯ ފަތް
- 867،410 ސިނގިރޭޓް/ބިޑި (ސްޓިކް)
- 137 ކިލޯ ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅު
- 43 ސިންގަލް ޔޫސް ޕްލާސްޓިކް ތަށި، ފުޅި، ހޮޅި (ޕީސް)
ކަސްޓަމްސްއިން މި ތަކެތި ނައްތާލާފައިވަނީ އެ އިދާރާގެ އާންމު ގަވާއިދުގައިވާ ގޮތުގެ މަތިން، ތަކެތި ނައްތާލުމުގައި އާންމުކޮށް އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުންނެވެ. މި ގަވާއިދުގެ ދަށުން، އެކިއެކި ސަބަބުތަކާ ހުރެ ކަސްޓަމްސްގައި ހިފެހެއްޓިއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.
މި ފިޔަވަޅަކީ ރާއްޖެއަށް ގަވާއިދާ ޚިލާފަށް މަނާ ތަކެތި އެތެރެކުރުމުގެ މައްސަލަ ކޮންޓްރޯލް ކުރުމަށް ކަސްޓަމްސްއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

