މާލޭގައި މާރާމާރީއެއް ހިންގުމަށްފަހު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެނު ތިން މީހަކު އަތުލައިގަނެގެން ރާއްޖެއަށް ގެނެސްފި އެވެ.
އެ މީހުންނަކީ 18 އަހަރާއި، 22 އަހަރާއި، 24 އަހަރުގެ ތިން ފިރިހެނުންނެވެ. މި ތިން މީހުން މާރާމާރީ ހިންގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އޭގެތެރެއިން އެކަކު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މާލެ ގެނެސްފަ އެވެ. އަދި އަނެއް ދެ މީހުން މާލެ ގެނައީ މިއަދު އެވެ.
މި ތިން މީހުން ފިލީ މާރާމާރީއާ ގުޅިގެން އެމީހުން ބަންދުގައި ތިއްބައި، ކޯޓުން އެމީހުން މިނިވަންކުރުމުންނެވެ. ފަހުން އެ މައްސަލަ އިސްތިއުނާފުކޮށް ކޯޓުން އެމީހުން ބަންދުކުރަން އަލުން އަމުރު ނެރުނުއިރު އެމީހުން ތިބީ ރާއްޖޭން ބޭރުގަ އެވެ.
އެ މައްސަލައާ ގުޅިގެން އެ މީހުން ހޯދުމަށް އިންޓާޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ. މައުލޫމާތު ލިބިފައިވަ ގޮތުގައި މި މީހުން އަތުލައިގަތީ ތައިލެންޑްގެ ފުލުހުންނެވެ.

