ބޭންކޮކްގައި ހުންނަ އދ. ގެ ކޮންފަރެންސް ސެންޓަރުގައި އިއްޔެ ބޭއްވުނު “ރީޖަނަލް ޑައިލޮގް އޮން އޯޝަން-ބޭސބޭސްޑް ކްލައިމެޓް އެކްޝަން” ގެ ނަމުގައި ބޭއްވުނު ސަރަޙައްދީ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވައި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޢާޛު ވަނީ ފެށުމުގެ ޚިޠާބު ދެއްވާފައެވެ.
އެ ބައްދަލުވުމަކީ ކަނޑާ ގުޅުންހުރި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ސަރަޙައްދުގެ އެކި ޤައުމުތަކުގެ ތިމާވެށީގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޢާޛު ދެއްކެވި ވާހަކަފުޅުގައި، ކަނޑުގެ މާޙައުލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެކަމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މި ކަންކަމާ ގުޅޭގޮތުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވުމަކީ، ކަނޑުގެ މާޙައުލު ރައްކާތެރިކުރުމާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ހާމަކޮށްދިނުމުގެ މުހިންމު ފުރުޞަތެއް ކަމުގައި ބެލެވެއެވެ.

