ރޭސިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އާރްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ރާސް ޗެމްޕިއަންޝިޕުގެ ހުވަދޫ އެޑިޝަން މާދާމާ ތިނަދޫ ސިޓީގައި ބާއްވަން ހަމަޖެހިއްޖެއެވެ.
މި ހަރަކާތް ކުރިއަށްދާނީ ތިނަދޫ ބޮޑު މިސްކިތް މަގުގައެވެ.
މި މުބާރާތަކީ ރާއްޖޭގެ އެކި ސިޓީތަކަށް ބަހާލައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.
ޑުރޭގް ރޭސިންއަކީ އެއްހަމައެއްގައި ދެ ވެހިކަލް އޮވެ އެ ކަމަށް ޚާއްސަ ބޮކިތަކެއް ފެހިވުމުން ނައްޓައިލާ އަދި އަވަހަށް ނިންމާ ރޭސިން ޑިސިޕްލިންއެކެވެ. މިއީ ޒުވާނުންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ކުޅިވަރެކެވެ.
މިއީ ތިނަދޫގައި މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

ރާސް ޗެމްޕިއަންޝިޕްގެ ހުވަދޫ އެޑިޝަން އަށް ޕްރެކްޓިސްކުރުމުގެ ތެރެއިން.
އެހެން އަހަރުތެކޭ އެއްފަދައިން މިއަހަރުވެސް ތަފާތު 20 ކެޓަގަރީގެ އިވެންޓްތައް ކުރިއަށްދާނެއެވެ.
މިއީ ހުރިހާ ފެންވަރެއްގެ ވެހިކަލް ތަކަށް ބަހާލައިގެން ރާއްޖޭގައި ހަމައެކަނި ބާއްވާ ނެޝަނަލް މޮޓޯ ސުޕޯޓްސް އިވެންޓެވެ.
މިފަހަރު ހުވަދޫ އެޑިޝަންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކަކީ ޕީޑީ 125,160 އާއި، އަންޑަރ ބޯން އޯޕަން އާއި،، އެމް 160 އާއި، ޓީއެސް 65 އާއި ހޮންޑާ ވިނާރ އެކްސް އިވެންޓެވެ.
އަންޑަރ ބޯން އޯޕަންގައި ވާދަކުރާނީ ޕީޑީ 125، ޕީޑީ 160، އެމް 160 އަދި ޓީއެސް 65 މިއިން ކޮންމެ ކެޓަގަރީއަކުން އެންމެ ކުރި ހޯދާ 4 ރައިޑަރުންނެވެ. އަންޑަރ ބޯން އޯޕަންގައި ވާދަކުރެވޭނީ 16 ރައިޑަރުންނަށެވެ.
މި އަހަރުގެ ޑްރެގް ރޭހުގެ ދިގުމިނަކީ އަންޑަރ ބޯން ސައިކަލުތަކަށް 201 މީޓަރު އަދި ސްޕޯޓް ބައިކާއި ކާރުތަކަށް 300 މީޓަރެވެ.
މިއަހަރުގެ ވެސް އިވެންޓް ޓައިޓަލް ޕާޓްނާރަކީ މީގެ ކުރިން 2 ފަހަރު މި ހަރަކާތުގެ ޓައިޓަލް ސްޕޮންސާ ނެގި ހޮންޑާއެވެ.
ރޭސިންގ އެސޯސިއޭޝަން ވަނީ ހޮންޑާއަކީ އެ އެސޯސިއޭޝަންގެ ހުރިހާ އިވެންޓެއްގައި ހިއްސާވެ، މި ކުޅިވަރަށް އެތަކެއް ގޮތަކުން ތަރުހީބު ދީ، ކުރިއަރުވަން އެތަކެއް މަސައްކަތެއް ކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްފައެވެ.

