ރާއްޖެއަށް ތަރައްގީ ގެނެވެން އޮތީ ގައުމުތަކާ ގުޅިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ފުރާވަޑައިގަންނަވަމުން މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ މަންފާވާނީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުން ކަމަށާއި އދ. ގެ މަޖިލީހުގެ ބައްދަލުވުންތަކުގެ ތެރެއިން އެކަމާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
މި ދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކީ ރާއްޖޭގެ ވާހަކަތައް އިއްވައި، ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ދާއިރާތަކާމެދު ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ސަމާލުކަމަށް ގެނެސް، ދުނިޔޭގައި ހިނގާ ރާއްޖެއަށް މުހިންމު ކަންކަމާ ގުޅޭ ގޮތުން ރާއްޖޭގެ ބަސް އިއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ބޭނުންވާ ޒަމާނީ ބަދަލުތަކާއި ގުޅޭ ގޮތުން ކަމާ ގުޅުންހުރި ބައްދަލުވުންތަކުގައި މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި ބޮޑެތި ގައުމުތަކާއެކު ގުޅުން ބަދަހިކޮށް، ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީ ހޯދަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
އ.ދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި އ.ދ ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

