ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އައިޑީ ކާރޑާއި ޕާސްޕޯރޓްގެ ހިދުމަތް ދެއްވުމަށް ގިނަ ކައުންސިލްތަކުން ޝައުގުވެރިިކަމާއި އެކު އެކަމަށް މަސައްކަތް ކުރައްވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
މިކަން އިތުރަށް ތަފްސީލް ކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރާއި އެކު ކައުންސިލްތައް ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ސަރުކާރުން އުފައްދަވާ ދެއްވާފައިވާ ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ރާއްޖޭގައި މަލްޓިޕާރޓީ ޑިމޮކްރަސީ ހަރުދަނާ ވަމުން އަންނަ މިނަވަރު ކަމަށެވެ.
“މިކަމުން ހާމަވަނީ ސަރުކާރާއި ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސުލްޖުމުހިރއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރުން އުފައްދަވާފައި ވާކަން” ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
މީގެ އިތުރަށް އެމަނިކުފާނުވަނީ މިމަސައްކަތް ކުރުމުގައި ދެމިތިބި ހުރިހާ ކައުންސިލްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރަށް ހުވަދު އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ނަން ފާހަގަކުރައްވާ އެކައުންސިލަށް ވެސްވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވެފައިވާއިރު ގއ. ވިލިގިލީގައި ވަނީ ފުރަތަމަ ފަހަރަށް އައިޑީކާޑް ޕްރިންޓްކުރުމުގެ ހިދުމަތް ފަށާފައެވެ. މިއީ މާލެ ފިޔަފާ ރާއްޖޭގެ ރަށެއްްގައި އައިޑީ ކާޑް ހިދުމަތް ދިނުމަށް މި ފަދަ ނިޒާމެއް ގާއިމް ކުރެވުނު ފުރަތަމަ ފަހަރެވެ.

