މާލެސިޓީގައި ބިދޭސީންތަކަކަށް ބިރުދައްކައި، އެމީހުންގެ އަތުން ފައިސާ ފޭރުނު ދެ ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ މާލޭގެ ރަސްފަންނު ސަރަހައްދުގައެވެ. ދެ މީހުން ވަޅި ދައްކައި ބިރުދެއްކުމަށްފަހު، ފައިސާ ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ، ދެ ބިދޭސީއެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުަރުކޮށްފައިވާ ދެ މީހުންނަކީ:
- ސ. ހިތަދޫ، އަތިރީއާގެ، އަހުމަދު ސިވާތް (37 އަހަރު)
- ސ. ހިތަދޫ، ޑިލައިޓްފޭސް، މުހައްމަދު ސާލިމް (37 އަހަރު)
ފުލުހުންގެ ބުނީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އެ މީހުން ފޭރިގަތް ފައިސާވެސް މިހާރު ވަނީ ހޯދިފައެވެ.
މި މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

